ބަރުދަން ލުއިކުރާ ބޭސްތައް ބޭނުން ކުރުން ހުއްޓާލަން ޖެހުނު ސަބަބަކީ މީހުން މާބޮޑަށް ފާޑު ކިޔާތީ

ބަރުދަން ލުއިކުރާ ބޭސްތައް ބޭނުން ކުރުން ހުއްޓާލަން ޖެހުނު ސަބަބަކީ މީހުން މާބޮޑަށް ފާޑު ކިޔާތީ

"ބަލި ވައްތަރު ޖަހަނީ"، "މާބޮޑަށް ހިކިއްޖެ" އަދި "މުސްކުޅި ވައްތަރު ޖަހަނީ" މިއީ ބަރުދަން ލުއި ކުރުމަށް ބޭނުންކުރާ ޖީ.އެލް.ޕީ-1 (GLP-1) ބޭސްތައް ބޭނުންކުރާ މީހުން އެ ބޭސްތައް ކެއުން ހުއްޓާލާ މައިގަނޑު ސަބަބުތައް ކަމަށް އިންޑިއާގެ ކެރެލާގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަންގެ ކޮންފަރެންސްގައި ހުށަހެޅުނު މި ދިރާސާއިން ދައްކާގޮތުގައި، ބޭހުގެ ސަބަބުން ދިމާވާ ކަންތައް ތަކަށްވުރެ އަވަހަށް ހިކުމުގެ ސަބަބުން ސިފައަށް އަންނަ ބަދަލުތަކާ ގުޅިގެން މީހުން ބުނާ ބަސްތަކަކީ ބޭސް ހުއްޓާލުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

މި ދިރާސާގައި ޖީ.އެލް.ޕީ-1 ތެރަޕީ ބޭނުންކުރަމުންދިޔަ 167 މީހަކު އެއް އަހަރު ދުވަސް ވަންދެން މޮނިޓަރ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި އާދަޔާޚިލާފަށް ފަލަ މީހުންނެވެ. ދިރާސާއިން ފާހަގަވި މުހިންމު ކަންކަން:

* ބޭސް ހުއްޓާލި މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ ބަރުދަން އަލުން އިތުރުވާން ފެށިއެވެ.
* 17.7% މީހުންގެ ބަރުދަނަށް އެއް އަހަރު ފަހުންވެސް އެކަށީގެންވާ ލުޔެއް ލިބިފައެއް ނުވެއެވެ.
* ހަށިގަނޑުގެ ބަރުދަނުގެ 20% އަށްވުރެ ބޮޑަށް ލުއިވެފައިވަނީ އެންމެ 15.2% މީހުންނަށެވެ. ނަމަވެސް 43% މީހުންގެ ބަރުދަނުން 15% ލުއިވެފައިވެއެވެ.

މިފަދަ ބޭސްތަކުން ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދެއެވެ. ނަމަވެސް ބަރުދަން ލުއިވުމުގެ ސަބަބުން މީހާގެ ސިފައަށް އަންނަ ބަދަލުތަކަކީ ވަރަށް ފާޅުކަންބޮޑު ބަދަލުތަކަކަށް ވުމުން، "ރަނގަޅަށް ނުކަނީތަ؟"، ނުވަތަ "ކުރިން މާ ރީތި" ފަދަ ބަސްތައް ރައްޓެހިންނާއި ޢާއިލާ މީހުންގެ ފަރާތުން ރައްދުވެއެވެ.

މި ދިރާސާގެ އިސް ފަރާތް ކަމަށްވާ ޑރ. ޖޯތީދޭވް ކެސަވަދޭވް ވިދާޅުވީ، ބަރުދަން ލުއިވުމުގެ ސަބަބުން ގިނަ ބަލިތަކުން ސަލާމަތްވެ، މީހާގެ މޫޑު ރަނގަޅުވި ނަމަވެސް، މީހުން ކުރާ ސުވާލުތަކާ ހުރެ ގިނަ ބަޔަކު ބޭސް ހުއްޓާލާ ކަމަށެވެ. އަދި ބޭސް އެއްކޮށް ހުއްޓާލުމަށްފަހު ފަހުން އަލުން ބޭސް ކާން ފެށި ނަމަވެސް، ބޭހުގެ އަސަރުކުރާ މިންވަރު ކުޑަވާކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މިފަދަ ބޭސްތައް ބޭނުންކުރާ މީހުން ސިފައަށް ވުރެ ބޮޑަށް ޞިއްޙަތަށް އިސްކަންދޭންޖެހެއެވެ. އެގޮތުން ދިރާސާގައި ލަފާދީފައި ވަނީ:

* ޕްރޮޓީން ގިނައިން އެކުލެވޭ ރަނގަޅު ކާނާ ކެއުމަށެވެ.
* ގަވާއިދުން ކަސްރަތު ކުރުމަށެވެ. (ޚާއްޞަކޮށް ސްޓްރެންތް އަދި ރެސިސްޓެންސް ޓްރެއިނިންގ).
* ހޯމޯންތައް ރެގިއުލޭޓް ކުރުމަށްޓަކައި ރަނގަޅަށް ނިދުމަށެވެ.

މީގެ އިތުރުން، މީހުން ދެކޭގޮތަށް ވުރެ، ލޭގެ ހަކުރު ހުންނަ މިންވަރާއި، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ފަދަ ޙަޤީޤީ ޞިއްޙީ މިންގަނޑުތަކަށް ބަލިމީހުން ސަމާލުކަންދިނުމަކީ މުހިންމު ކަމެކެވެ. ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބަރުދަން ލުއިކުރުމަކީ ޞިއްޙަތަށް ފައިދާހުރި ކަމެއްކަން ބަލިމީހުންނަށް ކިޔައިދީ، ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް މި ދިރާސާއިން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *