ވޯލްޑް ކަޕްގެ ފޯރިގަނޑު ބަލާލުމަށް އެމެރިކާއަށް ދިއުމަކީ ސައުތު އެމެރިކާގެ ގިނަ ސަޕޯޓަރުންނަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ އެމެރިކާގެ ވީސާ ހޯދުމުގެ އުނދަގޫ މަރުޙަލާއެވެ. ނަމަވެސް، ވީސާ ނުލިބި މާޔޫސްވެފައިވާ ފަރާތްތަކަށް އާޖެންޓީނާގެ ކުންފުންޏަކުން މިވަނީ ވަރަށް ތަފާތު އަދި އުފާވެރި ޚަބަރެއް ދީފައެވެ.
އާޖެންޓީނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ނިއުސާން" އިން ވަނީ ފުޓުބޯޅަ ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން، ވޯލްޑް ކަޕް ބަލަން އެމެރިކާއަށް ދިއުމަށް ވީސާއަށް އެދި، ވީސާ އެޕްލިކޭޝަން ރިޖެކްޓްވިކަން ސާބިތުކޮށްދޭ ފުރަތަމަ 100 ސަޕޯޓަރުންނަށް އެ ކުންފުނިން ހިލޭ ޓީވީއެއް ދޭނެއެވެ.
މި އާދަޔާޚިލާފު ހަދިޔާގެ މައިގަނޑު ބޭނުމަކީ، ދަނޑަށް ގޮސް މެޗުތައް ނުބެލުނު ކަމުގައި ވިޔަސް، ގޭގައި އާއިލާއާއި ރައްޓެހިންނާއެކު ތިބެގެން ފެންވަރު ރަނގަޅު ޓީވީއަކުން ވޯލްޑް ކަޕް ބަލާލުމުގެ ފުރުޞަތު އެމީހުންނަށް ހޯދައިދިނުމެވެ. އަދި މިއީ ވީޒާ ނުލިބުމުގެ ސަބަބުން ސަޕޯޓަރުންނަށް ލިބުނު މާޔޫސްކަމާއި ދެރައަށް ކުޑަ ނަމަވެސް ތަސައްލީއެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މާކެޓިންގ ހަރަކާތެކެވެ.
ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ އާޖެންޓީނާގެ ރައްޔިތުންގެ މެދުގައި މި ޕްރޮމޯޝަން ވެގެން ދިޔައީ ވަރަށް މަޖާ އަދި ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. އެމެރިކާގެ ވީސާގައި ޖެހުނު "ރިޖެކްޓް" ތައްގަނޑަކީ ގިނަ ބަޔަކަށް ހިތާމައެއް ކަމުގައި ވިޔަސް، އާޖެންޓީނާގެ 100 ސަޕޯޓަރަކަށް އެކަން ވެގެން ދިޔައީ އާ ޓީވީއެއް ލިބުމުގެ ނަސީބަށެވެ.






