އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ލޭ ހަދިޔާކުރާ މީހުންގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭ ބޭނުންވާ މީހުން ހިމެނޭ ގޮތަށް އެތައް ފުރާނައެއް ސަލާމަތް ކުރެވޭ ކަމަށެވެ.
ޓެކްނޮލޮޖީ އާއި ބޭސްވެރިކަމަށް ކިތަންމެ ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް، ލެއަކީ އޭގެ ބަދަލު ނުކުރެވޭ އަދި ކޮންމެހެން ބޭނުންވާ އެއްޗެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމަކީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





