28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދާފައިވާ ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމުން، މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ދާކަން ވަނީ ހާމަވެފައެވެ. އެ ޓީމުން އެމެރިކާގެ ގްރީންސްބޯރޯ، ނޯތު ކެރޮލައިނާގައި ގާއިމުކުރި ޓްރޭނިން ބޭސްއަށް އެގައުމުގެ ސަގާފީ ކާނާގެ ބާވަތްތައް ވަނީ އުފުލާފައެވެ.
ނޯވޭގެ ޓީމުން އެމެރިކާއަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި:
300 ކިލޯގެ މަސް (ސެލްމަން): ކުޅުންތެރިންނަށް ބޭނުންވާ ޕްރޮޓީން ހޯދައިދިނުމަށް.
116 ކިލޯގެ 'ބްރޫނޯސްޓް' : މިއީ ނޯވޭގެ ސަގާފީ، ކެރަމަލައިޒްޑް ވޭ ޗީޒްއެކެވެ.
6,000 އޮރެންޖު: ހަށިގަނޑަށް ބޭނުންވާ ވިޓަމިންތައް ފޯރުކޮށްދިނުމަށް.
މިކަމުގެ މައިގަނޑު މަގްސަދަކީ ކުޅުންތެރިންގެ ފިޒިކަލް ސިއްހަތު ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ގައުމާ ދުރުގައި އެތައް ހަފްތާއެއް ހޭދަކުރާއިރު، ކުޅުންތެރިންނަށް ގޭގެ މަތިން ހަނދާން އާކޮށްދީ، ހިތްހަމަޖެހުން ގެނެސްދިނުމެވެ. އެރްލިންގް ހާލަންޑް އާއި މާޓިން އޮޑެގާޑް ފަދަ ތަރިން ހިމެނޭ މި ޓީމަށް، އެމީހުން ކުޑައިރުއްސުރެ ކައި އުޅުނު ކާނާ ލިބުމަކީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޓީމުގެ އޮފިޝަލުން ދެކެއެވެ.
މި ޓީމާއެކު ދަތުރުކުރާ ކެއްކުންތެރިންގެ ތެރޭގައި 35 އަހަރު ވަންދެން ނޯވޭގެ ގައުމީ ޓީމަށް ކާންދީފައިވާ ތަޖުރިބާކާރު ޝެފް އަރޮން އެސްޕެލޭންޑް ހިމެނެއެވެ. އަރޮން އެސްޕެލޭންޑަކީ ކަލިނަރީ އޮލިމްޕިކްސްއިން ރަން މެޑަލް ހޯދާފައިވާ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކެއްކުންތެރިއެކެވެ. އޭނާގެ އިތުރުން އެރިކް ޓުފްޓޭ އަދި ކްރިސްޓިއަން ކާލްސަން ވެސް މި ޓީމުގެ ކާނާގެ ކަންކަން ބަލަހައްޓާނެއެވެ.
ނޯވޭގެ މި ފިޔަވަޅަކީ ގައުމީ ފަޚުރެއްގެ ގޮތުގައި އެމީހުން ދެކޭ ކަމަށާއި، މި ބޮޑު މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށްޓަކައި އެއްވެސް ކަމެއް ދޫކޮށްލަން ބޭނުން ނުވާކަން މިކަމުން ދޭހަވެއެވެ





