އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާއިރު މަގާމުތައް ކަނޑައަޅައި ބަހައިގެން ނިކުތުމުން ޕާޓީގެ އެއްބައިވަންތަކަން ގެއްލި، 2028ގެ ރިޔާސީ އިންތިޚާބާ ހަމައަށް ޕާޓީ ރޫޅުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
މީކާއިލްގެ 'އިތުބާރު' ކެމްޕެއިން ނިންމާ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލީ 2028އާ ހަމައަށް އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދަމަހައްޓަން ކަމަށެވެ. އެ ކަން ކުރެވޭނީ ޕާޓީގެ 'ސިޔާސީ ކުޅިބައި' އެތުރިފައިވާ ގޮތުގެ ހަގީގަތް ހެޔޮ ހިތުން ގަބޫލުކޮށްގެން ކަމަށާއި، ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ގާތްގަނޑަކަށް ފަސް ވަރަކަށް ބޭފުޅުން ޕާޓީގައި ތިއްބެވި ކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.
"އެމްޑީޕީގެ ޗެއާޕާސަނަކަށް ފަރުދަކު ނިކުންނައިރު، އޭނާއަކީ ރައީސް، ތިމަންނާއަކީ ބޮޑުވަޒީރޭ ބުނެ މަގާމު ބަހާ ނިކުތީމާ އެ އެއްބައިވަންތަކަން މި ޕާޓީގައި ހިފެހެއްޓޭބާއޭ. ނޫން ނުހިއްފެއްޓޭ. އެ ބީދައިން އަމަލު ކުރުމުން އަނެއްކާވެސް 2028އާ ހަމައަށް އަޅުގަނޑުމެން ދާއިރު މި ޕާޓީގެ ސަފުތައް ރޫޅުމުގެ ފުރުސަތު އެބަ އޮތް." މީކާއިލް ވިދާޅުވި އެވެ.
މީކާއިލް އެ އިޝާރާތް ކުރެއްވީ، މިދިޔަ އޭޕްރީލް 19ގައި ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް 'ބޮޑު ބަދަލެއް’ގެ ނަމުގައި ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ. އެ ހުށަހެޅުއްވުމުގައި ފައްޔާޒަށް ރައީސުލްޖުމްހޫރިއްޔާކަން އަދި ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާކަން ދެއްވުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މީކާއިލް ވަނީ މި އިންތިޚާބުގައި އެކުގައި ނެތް ބޭފުޅުން ވެސް ބާކީނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ތާއީދާއެކު ނިކުންނަވާފައިވާ މީކާއިލާއި، ނަޝީދާއި ފައްޔާޒްގެ ގުޅުމާ ދެމެދު ހޫނު ވާދަވެރިކަމެއް އޮތްއިރު، ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.





