މައުރޫފަށް ބޮންޑޭ: އެމްޑީޕީ ރޫޅާލި ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަންޖެހޭ

މައުރޫފަށް ބޮންޑޭ: އެމްޑީޕީ ރޫޅާލި ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަންޖެހޭ

އެމްޑީޕީ ރޫޅާލި ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ޖެހޭ ކަމަށާއި، އެ ޕާޓީ ރޫޅާލުމުން ރައްޔިތުންނަށާއި ގައުމަށް ލިބުނީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ 2023 ވަނަ އަހަރު އެމްޑީޕީ ރޫޅާލައި ރިޔާސީ އިންތިހާބު އެ ޕާޓީއަށް ގެއްލުވާލައިހެން އަލުން އެ ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.

މައުރޫފް ޒާކިރުގެ ވާހަކަތަކަށް ރައްދު ދެއްވައި ބޮންޑޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ރޫޅާލުމުގެ ސަބަބުން ލިބުނީ ސިއްރު ސިޓީން ސިޔާދަތީ ހައްގު ދޫކޮށްލި ސަރަހައްދު ކަމަށެވެ.

"ސިޔާދަތީ ހައްގެއްނެތް ކަމަށް ބުނެ ރައްޔިތުންނަށް ސިއްރުން މޮރިޝަސް އަށް ދިން ފޯޅަވަހި ސިއްރު ސިޓީ ގެ މައްސަލައިގައި ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ،" ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޮންޑޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދުގައި ހިޔާލު ތަފާތުވުން އެންމެ ބޮޑުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދުވަސްވަރުގައެވެ. އެ ޕްރައިމަރީ ސޯލިހް ކާމިޔާބު ކުރެއްވިއިރު، ނަޝީދު ވަނީ ނަތީޖާ ގަބޫލު ނުކުރައްވައި، ސޯލިހާއެކީގައި މަސައްކަތް ނުކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވައި ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. ޖުލައި 13، 2023 ގައި ނަޝީދު ވިދާޅުވީ "އަޅުގަނޑު ތިޕާޓީ ރޫޅާލާނަމޭ. ރޫޅާލާނަން." ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނަ ބުރުގައި އެ ޕާޓީގެ ގިނަ މެމްބަރުން ތާއީދު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. އެމްޑީޕީގެ ގިނަ މެމްބަރުން ބުނަމުން އަންނަނީ އިންތިހާބު ސޯލިހަށް ކާމިޔާބު ނުކުރެއްވުނު ސަބަބަކީ ނަޝީދު އެމްޑީޕީއާ ދެކޮޅަށް ނުކުންނެވުމުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *