ބައްޕަގެ ލޯބި ޒީވާއަށް: "ކޮންމެ ހިނދުކޮޅަކާ މެދުވެސް ހިތްރުހޭ"

ބައްޕަގެ ލޯބި ޒީވާއަށް: "ކޮންމެ ހިނދުކޮޅަކާ މެދުވެސް ހިތްރުހޭ"

ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް އައިސް، ލައިގެން ހުރި ސިފައިންގެ ޔުނީފޯމު ބަދަލުކޮށްލަންވެސް ހަނދާން ނެތޭހާ އެ ބައްޕަ ކެތްމަދުވެ އެވެ. ދުވެފައި ގޮސް އިށީންނަނީ ލޯބިވާ ދަރިފުޅުގެ ކައިރީގަ އެވެ. ކޮންމެ ދުވަހަކުވެސް އާ ހުނަރެއް، އާ ފިލާވަޅެއް އުނގަންނައިދިނުމަކީ ހުސައިން ސިނާންގެ ދިރިއުޅުމުގެ އެންމެ ފޮނި އުފަލެވެ.

އެ ދެބަފައިން ބަދަލުކޮށްލާ ކޮންމެ ޖުމުލައަކީވެސް ލޯތްބާއި އުނގެނުމުގެ ރަންގަނޑެކެވެ. ފިލާވަޅެއް އުނދަގޫ ވެއްޖެ ނަމަ، އެކަން ސަމާސާ ކުޅިވަރަކަށް ބަދަލުކޮށްލަ އެވެ. ގުރުއާނުގެ މާތް އާޔަތްތައް ހިތުދަސް ކުރުމުގައި 'ޕޮމޮޑޯރޯ ޓެކްނީކް' ބޭނުން ކުރަމުން ދިޔަ އެ ދެބަފައިންގެ ދުނިޔެއަކީ، ލޯތްބާއި ކުލުނުން ފުރިބަންޑުން ވަމުން ދިޔަ ހިތްގައިމު ބަގީޗާއެކެވެ.

ނަމަވެސް، ތަގުދީރުގެ ނިޔާ ވަރަށް އަވަހަށް ކުރިމަތިލީ ހިތް ކުދިކުދި ކޮށްލާފަ އެވެ. އެ އުފާވެރި ހިނިތުންވުންތަކުގެ މައްޗަށް ކަޅު ވިލާގަނޑެއް ވެރިވީ މީގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ހިތްދަތި، ނުރައްކާތެރި އެކްސިޑެންޓެއްގައި ސިނާންގެ ފުރާނަ ފަދަ 9 އަހަރުގެ ދަރިފުޅު، ޒީވާ ސިނާން އަހުމަދު މި ދުނިޔެއަށް އަލްވަދާއު ކިޔެވެ. އެ ލޯބިވާ ދަރިފުޅު ވަކިވެގެން ދިޔައީ ބައްޕަގެ ދިރިއުޅުމުގެ ހުރިހާ އުފާތަކާއި، ދިރުމެއްފަދަ ހިތްހަމަޖެހުންވެސް ފުން އަނދަވަޅަކަށް ވައްޓާލުމަށް ފަހުގަ އެވެ.

އެހެން ނަމަވެސް، ލޯބިވާ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ހުދު ކަފުނުގައި އޮޅާލައި، ފަސްއަޅައި ވަޅުލުމަށް ފަހު، މި ދިގު، އަނދިރި ރެއާ ސިނާން ކުރިމަތިލީ ކެތްތެރިކަމާ އެކުގައެވެ. ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެ ހިތް ފުރިފައި ވަނީ ދަރިފުޅު ދީފައި ދިޔަ ލޯތްބާއި، އަގުނުކުރެވޭ ހަނދާން ތަކުންނެވެ. ދަރިފުޅާއެކު ނަގާފައިވާ ހަނދާނީ ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރަމުން، ފަހުރުވެރިކަމާއި ކަރުނައިގެ ތެރެއިން އެ ބައްޕަ ކިޔައިދިނީ ޒީވާގެ ރީތި ސިފަތަކެވެ.

"ހިތްވަރުގަދަ ކުއްޖެއްގެ އިތުރުން، ޒީޒީއަށް ދެއްވާފައިވަނީ ބޮޑު ހިތެކެވެ. އޭނާގެ ކޮއްކޮމެންނާމެދު އިންތިހާއަށް ފަހުރުވެރިވެއެވެ. އޭނާ ރާޒުވާ ކުޅޭ ހިތްވެ އެވެ. ދޫފުރޮޅި ތަކުން ބައްޕަ ބަލިކޮށްލަން އުޅެއެވެ. އޭނާގެ ތޮބީއަތުގައިވި އޯގާތެރިކަމާ އެއްގޮތަށް، މެޑިސިން ކިޔަވަން އުއްމީދު ކުރިއެވެ،" ފުން އަސަރާއެކު ސިނާން ލިޔެފައިވެ އެވެ.

އެ ދެބަފައިން ހޭދަކުރި ކޮންމެ ވަގުތަކީ މިއަދު އެ ބައްޕަގެ ހިތުގައި ބިންވަޅު ނެގިފައިވާ ރިހުމެކެވެ. ބައްޕަ ކައިރިއަށް އަންނަ ކޮންމެ ފަހަރަކު ލޯބިން ކައްކައިދޭ ކުކުޅު ރިހަ އެވެ. ދަރިފުޅަށް ތައްޔާރުކޮށްދޭ “ސަނީސައިޑް އަޕް” ބިސްގަނޑެވެ. ގަޔާވާ ރެސްޓޯރަންޓަކަށް ގޮސް، ޒީވާ އޭނާ އެންމެ ކާހިތްވާ ކުކުޅާއި ބަތް އަދި ބައްޕަ ބާގާއެއް ކައިލި މަޖާ ވަގުތުތަކެވެ. ސިނާން ބުނިގޮތުގައި، ކާއެއްޗެއް ކާލަން މަޑުކޮށްލާ ވަރަށް ވުރެވެސް ދަރިފުޅުގެ ހިތުގައި ދިރިއުޅުމަށް އޮތް ޝައުގުވެރިކަން މާ ބޮޑެވެ. ޒީވާ ކުއްލިއަކަށް ވަކިވެގެން އެ ދިޔައީ، ދެބަފައިން އެކުގައި ލާމު އަތޮޅަށް އުނގެނުމުގެ ރީތި ދަތުރެއް ދާން ރާވާފައި އޮއްވައެވެ.

ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ހުޅުމާލެއަށް ބަދަލުވާން ޖެހުމުން އެކަމާ ޒީވާ ކުރިން ޝަކުވާކޮށް، ބައްޕަ ދެކެ ރުޅިއައިސްފައި ހުރި ދުވަސްތައްވެސް ސިނާން ހަނދާން ކުރީ ލޯތްބާއެކުގައެވެ. އެ ދަރިފުޅާ ވަކިން ނޫޅެވިގެން، ހުޅުމާލެއިން ވަކި ގެއެއް ހޯދައި، ބައްޕަގެ އޯގާތެރިކަން އަބަދުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނެވެ. ފަހުން ވިސްނުން ފުރިހަމަވެގެން ދިޔަ ދަރިފުޅު ބުނި ޖުމުލަތައް ސިނާންގެ ކަންފަތުގައި އަދިވެސް ގުގުމައެވެ.

"ބައްޕާ، ކުރިން އަހަރެން ހީކުރީ ފިރިހެންކުދިންނަކީ ގޯސް ބައެއް ކަމަށް، ހާއްސަކޮށް ބައްޕަ. މައާފްކުރޭ ބައްޕާ. ބޮޑުވާ ވަރަކަށް މިހާރު އެހެންނެއް ނުދެކެން. ބައްޕައަކީ ރަނގަޅު މީހެއް."

މިއަދު އެ އަޑެއް ނެތެވެ. އެ ހިނިތުންވުމެއް ނެތެވެ. އެކަމަކު އެ ބައްޕަގެ ހިތް ވަނީ ދަރިފުޅު ދިން ލޯބިން ފުރިފައެވެ. އެއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އަހަރުތަކެވެ. ސިނާން އޭނާގެ ޒީވާ ސިފަކުރީ، ކޮންމެ ބައްޕައަކުވެސް ދުނިޔެއިން އެންމެ އެދޭނެ ފަދަ، މަޑުމައިތިރި، އޯގާތެރި، އަދި ހުވަފެންތަކުން ފުރިގެންވި ފުރިހަމަ ދަރިއެއްގެ ގޮތުގައެވެ. ހޮސްޕިޓަލުގެ ފަހު ވަގުތުކޮޅުގެ އަސަރުގަދަ މަންޒަރު ސިފަކުރަމުން ސިނާން ލިޔެފައިވެ އެވެ.

"މޮނީޓަރުން އަރަމުން ދިޔަ ރޮނގުތައް ސީދާވެ، މިއަށް ވުރެ ރަނގަޅު މަންޒިލަކަށް ދަތުރު ފެށުމާއެކު މި ބައްޕަ ފަހުރުވެރިކަމާއެކު ދަރިފުޅު ގާތުގައި ހުރީމެވެ. ދަރިފުޅު ދުނިޔޭގައި ހުރި އިރުވެސް ބައްޕަ ހުރި ގޮތަށެވެ. އެ ވަގުތު އެންމެންނަށް ހިނިތުންވެލީމެވެ. ބައްޕަގެ މޫނު ހެކިދޭނެ އެވެ. ތިއީ ބައްޕަގެ ދަރިފުޅު، ޒީވާ ސިނާން އަހުމަދެވެ. ދަރިފުޅު ބައްޕައަށް ހާދަ ކަންތައްތަކެއް ދަސްކޮށްދީފިއެވެ. އަދި ދަރިފުޅާއެކު ހޭދަކުރި ކޮންމެ ވަގުތަކާ މެދު ބައްޕަ މިހުރީ ފުދިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *