ބެޔާ ހުރީ ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ހޯދުމުގެ އުންމީދުގައި

ބެޔާ ހުރީ ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ހޯދުމުގެ އުންމީދުގައި

ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑް އިޢުލާން ކުރުމުގެ އެއް ދުވަސް ކުރިން، ޓީމާ ބެހޭގޮތުން ތަފާތު އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން، ގައުމީ ކޯޗު ޖޫލިއަން ނޭގަލްސްމަން އޭނާގެ އެންމެ ފަހުގެ ސްކޮޑު އެކުލަވާލުމުގައި ހައިރާން ކުރުވަނިވި ބޮޑު ނިންމުމެއް ނިންމަން އުޅޭ ކަމަށް ބެލެވެއެވެ.

"ސްކައި" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ނޭގަލްސްމަން ގެންދާނީ ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް މެކްސިމިލިއަން ބެޔާ އެވެ. މިއީ ބެޔާ ފަހަކަށް އައިސް ޖަރުމަނު ގައުމީ ޓީމުން މާ ބޮޑު ފުރުސަތެއް ހޯދާފައިނުވާތީ، ގިނަ ބަޔަކަށް ލިބުނު ކުއްލި ސިހުމެކެވެ.

މިއީ ޖަރުމަނު ގައުމީ ޓީމާއެކު ބެޔާ ވާދަކުރާނެ ދެވަނަ ބޮޑު މުބާރާތެވެ. އޭނާ ވަނީ 2024 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ މުބާރާތުގައިވެސް ކުޅެފައެވެ. ޖޫން 2024 ގައި ގައުމީ ޓީމަށް ކުޅެން ފެށި ފަހުން އޭނާ ވަނީ 7 ބައިނަލްއަގުވާމީ މެޗު ކުޅެދީފައެވެ. ނަމަވެސް، އަދި މިހާތަނަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ނޮދަން އަޔަލޭންޑާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގައެވެ. އޭގެ ފަހުން ކުޅުނު ކޮލިފައިން މެޗުތަކާއި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ނޭގަލްސްމަން އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ.

ނަމަވެސް ބެޔާ އަމިއްލައަށް ގަބޫލުކުރާ ގޮތުގައި އޭނާއަށް ވޯލްޑް ކަޕް ސްކޮޑުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. "އަހަރެން އުއްމީދު ކުރަނީ އަހަރެން ދެއްކި ކުޅުމުގެ ސަބަބުން ސްކޮޑުން ޖާގައެއް ލިބޭނެ ކަމަށް. ވޭތުވެދިޔަ ހަފްތާތަކުގައި އަހަރެން ގިނަ މެޗުތަކެއް ކުޅެފިން، އަދި ގިނަ ފަހަރު ރަނގަޅު ކުޅުމެއްވެސް ދެއްކުނު. ގިނަ ޕޮއިންޓްތަކެއް ހޯދައި، ބުރާސްފަތި ދުވަހު ނެރޭ ސްކޮޑުގައި ހިމެނުމަށްޓަކައި އަހަންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވާނީ ކޮށްފައި،" ބެޔާ ބުންޏެވެ.

ކްލަބް ލެވެލްގައި 23 އަހަރުގެ މި ކުޅުންތެރިޔާ ވަނީ އޭނާގެ ހުނަރު ސާބިތުކޮށްދީފައެވެ. ސެންޓަރ-ފޯވާޑުން ބާކީކޮށް، މި ސީޒަނުގައި އޭނާ އަކީ ބީވީބީ (ޑޯޓްމަންޑް) އަށް 20 ޕޮއިންޓް (10 ލަނޑާއި 10 އެސިސްޓް) ހޯދައިދީ، ޖަރުމަނުގެ އެންމެ ކާމިޔާބު އެޓޭކަރެވެ.

 

ބެޔާ އަށް ފުރުސަތު ދިނުމާއެކު، އޭނާގެ ޑޯޓްމަންޑް ޓީމުގެ ބައިވެރިޔާ ކަރީމް އަޑެޔެމީ އަށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ. ކޯޗު ނޭގަލްސްމަން މިދިޔަ މާރިޗު މަހު ބުނެފައިވާ ގޮތުގައި: "މެކްސި ބެޔާ، ކަރީމް އަޑެޔެމީ، ކެވިން ޝާޑޭ – މި ތިން ކުޅުންތެރިންނާ މެދު އަހަރެން ވަރަށް ސާފުކޮށް ބުނެފިން. މިހާރުގެ ހާލަތަށް ބަލާއިރު އަހަރެމެން ގެންދާނީ މީގެ ތެރެއިން އެކަކު، ނުވަތަ އެންމެ ގިނަވެގެން ދެ ކުޅުންތެރިން."

މި ތިން ކުޅުންތެރިންނަކީވެސް އެއްގޮތް ކުޅުމުގެ ވައްޓަފާޅިއެއް ގެންގުޅޭ ކުޅުންތެރިން ކަމަށްވުމުން ނޭގަލްސްމަން އިތުރަށް ބުނީ، "އެންމެ ފަހުން ޓީމުން ޖާގަ ލިބޭނީ މީގެ ތެރެއިން އެކަކަށް ނުވަތަ ދެ މީހަކަށް. އެކަމަކު ހުރިހާ ކުޅުންތެރިންނަށްވެސް އޮތީ އެއްވަރެއްގެ ފުރުސަތެއް،" ކަމަށެވެ.

ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި ބޮޑު މުބާރާތަށް ބެޔާ ދާއިރު، އޭނާގެ ޑޯޓްމަންޑްގެ ބައެއް ބައިވެރިން ކަމަށްވާ ނިކޯ ޝްލޮޓަރބެކް އަދި ވަލްޑެމާ އެންޓަން ވެސް ސްކޮޑުގައި ހިމެނޭނެއެވެ. ޖަރުމަނުގެ ފައިނަލް ވޯލްޑް ކަޕް ސްކޮޑް ރަސްމީކޮށް އިޢުލާން ކުރާނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *