ރެއާލް މެޑްރިޑްގެ ރައީސް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ

ރެއާލް މެޑްރިޑްގެ ރައީސް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ

ރެފްރީންނާ ބެހޭގޮތުން "ވައްކަމާއި ކޮރަޕްޝަން" ގެ ތުހުމަތުތައް ކުރެއްވުމުން ރެފްރީންގެ ޔޫނިއަނުން ވަނީ މައްސަލަ ޖައްސައިފައެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ސްޕެއިންގެ ރެފްރީންގެ މުއައްސަސާއަށް އަމާޒުކޮށް ވަރުގަދަ ރައްދެއް ދެއްވައި، ހަރުކަށި ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެން، ފުޓްބޯޅައިގެ ހަރަކާތްތަކުން ބޮޑު ސަސްޕެންޝނެއް އޭނާއަށް އަތުވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ސްޕެއިންގެ ފުޓްބޯޅަ މެޗުތައް އިންސާފުކުރާ ރެފްރީންގެ ތެރޭގައި "ވައްކަމާއި ކޮރަޕްޝަން" އެބައޮތް ކަމަށް ވިދާޅުވުމުން، ރެފްރީންގެ ޔޫނިއަނުން ވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން ގެ ޑިސިޕްލިނަރީ ކޮމިޓީއަށް އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ.

ރެފްރީންގެ ޔޫނިއަން އިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެރޭޒް ދެއްކެވި ވާހަކަތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ބޭރުވެފައިވާ ވާހަކަތަކެއް ކަމަށެވެ. ޔޫނިއަނުން ފާހަގަކުރި ގޮތުގައި، ޕެރޭޒް ހަމައެކަނި ރެފްރީންގެ ވަކިވަކި ގޯސްތަކަކަށް ފާޑުވިދާޅުވީއެއް ނޫނެވެ. އޭގެ ބަދަލުގައި، ވޭތުވެދިޔަ 20 އަހަރު ދުވަހު ރެފްރީންގެ މުޅި މުއައްސަސާއިން ސިލްސިލާކޮށް ކޮރަޕްޝަންގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ސްޕެއިންގެ މީޑިއާއެއް ކަމަށްވާ "މުންޑޯ ޑެޕޯޓިވޯ" އިން ރިޕޯޓްކުރާ ގޮތުގައި، މި މައްސަލައިގައި ޕެރޭޒާ މެދު ފިޔަވަޅު އެޅުމަށް ދެ ގޮތެއް އެބައޮތެވެ. އޭގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅަކީ RFEF ގެ ޑިސިޕްލިނަރީ ކޯޑުގެ 94 ވަނަ މާއްދާގެ ދަށުން 1 މަސްދުވަހާއި 2 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް އޭނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމެވެ.

ނަމަވެސް، ގިނަ މާހިރުން ލަފާކުރާ ގޮތުގައި އޭނާއަށް އަންނާނީ ސަސްޕެންޝނެއްގެ ބަދަލުގައި ފައިސާގެ ޖޫރިމަނާއެކެވެ. ގަވާއިދުގެ 106 ވަނަ މާއްދާގެ ދަށުން ރެފްރީންގެ މުސްތަގިއްލުކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، ބޭއަދަބީ ބަހުރުވަ ބޭނުންކޮށްފި ނަމަ ކްލަބުތަކުގެ އިސްވެރިން 601 ޔޫރޯ އާއި 3,005.06 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ. މިއީ މިފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލެވެ.

ޕެރޭޒް މި ތުހުމަތުތައް އަލުން ތިލަކުރެއްވީ ބާސެލޯނާއާ ގުޅުންހުރި "ނެގްރެއިރާ މައްސަލަ" އާ ގުޅުވައިގެންނެވެ. އޭނާ ވިދާޅުވީ މި ކޮރަޕްޝަންގެ ސަބަބުން ރެއާލް މެޑްރިޑަށް ހައްގުވާ އެތައް ލީގު ތަށްޓެއް ގެއްލިފައިވާ ކަމަށެވެ. އަދި އޭނާގެ ރައީސްކަމުގައި ރެއާލްއިން ހޯދި 7 ލާ ލީގާ ތަށީގެ އަދަދު ދެގުނަ ވާންޖެހޭނެ ކަމަށާއި، ބާކީ ތަށިތައް "ފޭރިގަނެފައިވާ" ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޕެރޭޒް ވަނީ މިއީ "ފުޓްބޯޅައިގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ސްކޭންޑަލް" ކަމަށް ސިފަކުރައްވައި، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ އަށް ހުށަހެޅުމަށް ރެއާލް މެޑްރިޑުން ތަފްސީލީ ފައިލެއް ތައްޔާރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން ބާސެލޯނާގެ ލީގަލް ޑިޕާޓްމަންޓުން ދަނީ ޕެރޭޒްގެ ތުހުމަތުތައް ދިރާސާކޮށް، ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުންނެވެ. ބާސެލޯނާއިން ވަނީ ކުރިންވެސް މި މައްސަލައިގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *