ވިލިޔަމް ބިލް ހާސްޓް އަކީ ހަރުފައިގެ ވިހަ ނެގުމާއި، ހަރުފަ ގެންގުޅުމުގައި މުޅި ދުނިޔެއަށް މަޝްހޫރުވި، އަދި ސައިންސްގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިން އާދަޔާޚިލާފު އިންސާނެކެވެ. އޭނާ މަޝްހޫރު ވެފައިވަނީ "ސްނޭކް މޭން" ގެ ނަމުންނެވެ.
އޭނާގެ ދިރިއުޅުމަކީ ހަރުފަތަކާއި ވިހައާ ގުޅިފައިވާ، ބިރުވެރި ނަމަވެސް އިބުރަތުން ފުރިގެންވީ ދިރިއުޅުމެކެވެ. އޭނާ އުފަންވީ 30 ޑިސެމްބަރު 1910 އެމެރިކާގެ ނިޔުޖާޒީގައެވެ. އަދި މަރުވީ 15 ޖޫން 2011 އެމެރިކާގެ ފްލޮރިޑާގައެވެ. ބިލް ހާސްޓް މަރުވީ ގުދުރަތީ މަރަކުން، އުމުރުން 100 އަހަރުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެހާ އުމުރު ދިގުވީ، އޭނާގެ ހަށިގަނޑަށް ގަވާއިދުން ދެމުންދިޔަ ހަރުފަ ވިހައިގެ ކޮކްޓެއިލްތަކުގެ ސަބަބުންނެވެ.
ބިލް ހާސްޓްގެ ޝައުގުވެރިކަން ހަރުފައަށް އުފެދުނީ އޭނާގެ އުމުރުން އެންމެ 11 އަހަރުގައެވެ. ބޯއިސްކައުޓް ކޭމްޕެއްގައި އުޅުމުގެ ތެރޭގައި ހަރުފައެއް ހިފަން އުޅެނިކޮށް ފުރަތަމަ ފަހަރަށް އޭނާގެ ގަޔަށް ހަރުފަ ވިހަލިޔެވެ. ނަމަވެސް އޭގެއިން އޭނާގެ ޝައުގުވެރިކަން ކުޑައެއް ނުވިއެވެ. އުމުރުން 16 އަހަރުގައި ކިޔެވުން ދޫކޮށްލުމަށްފަހު، އޭނާ އެކި ކަހަލަ މަސައްކަތްތައް ކުރިއެވެ. އޭގެ ތެރޭގައި މަތިންދާބޯޓު މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރުން ހިމެނެއެވެ.
އޭނާގެ ދިރިއުޅުމުގައި ތިން ކައިވެންޏެއް ކުރިއެވެ. އޭނާގެ ވިޔަފާރިއާއި ހަރުފަ ގެންގުޅުމުގެ ބުރަ މަސައްކަތުގައި އޭނާގެ އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ.
ބިލް ހާސްޓްގެ ކާމިޔާބީތަކާއި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
* 1947 ވަނަ އަހަރު އޭނާ ފްލޮރިޑާގައި "މިއާމީ ސާޕެންޓޭރިއަމް" ގެ ނަމުގައި ހަރުފަ ގެންގުޅޭ ސަރަހައްދެއް ހުޅުވިއެވެ. މިތަނަކީ ފަތުރުވެރިންނަށް ހަރުފަ ދައްކާލުމުގެ އިތުރުން، ސައިންސްވެރިންނަށް ބޭނުންވާ ވިހަ އެއްކުރާ މައިގަނޑު މަރުކަޒެކެވެ.
* ހަރުފައަށް އަނިޔާނުވާ ގޮތަށް، ރައްކާތެރިކަމާއެކު ގިނަ އަދަދަކަށް އޭގެ ވިހަ ނަގާނެ އާ ގޮތްތަކެއް އޭނާ އަމިއްލައަށް އީޖާދުކުރިއެވެ.
* އެމެރިކާގައި ފުރަތަމަ ފަހަރަށް 'ކޮރަލް ސްނޭކް' ގެ ވިހައަށް ފަރުވާކުރާ އެންޓިވެނަމް އުފެއްދުމަށް ބޭނުންވާ ވިހަ ފޯރުކޮށްދިނީ ހާސްޓް އެވެ. މި މަސައްކަތަށް 3 އަހަރު ދުވަސްނެގިއެވެ.
* ހަރުފައިގެ ވިހަ ބޭނުންކޮށްގެން ޕޯލިއޯ ، އާތުރައިޓިސް އަދި މަލްޓިޕްލް ސްކްލެރޯސިސް ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް އޭނާ ގިނަ ދިރާސާތަކެއް ކުރިއެވެ.
ބިލް ހާސްޓް އަކީ ދުނިޔެ ދުށް އެންމެ ތަފާތު އެއް އިންސާނާއެވެ. އޭނާ ޚާއްޞަވާ މައިގަނޑު ސަބަބުތަކަކީ:
1. ހާސްޓް ވަނީ ކޮބްރާ އާއި މާމްބާ ފަދަ ދުނިޔޭގެ އެންމެ ނުރައްކާތެރި ހަރުފަތަކުގެ ވިހަ، ވަރަށް ކުޑަ މިންވަރަކުން ގަވާއިދުން އަމިއްލަ ހަށިގަނޑަށް ޖަހާފައެވެ. މިގޮތަށް ހެދުމުން އޭނާގެ ހަށިގަނޑުގައި ވިހައާ ދެކޮޅަށް މަސައްކަތްކުރާ ދިފާއީ ބާރު އެންޓިބޮޑީސް އުފެދުނެވެ.
2. އޭނާގެ މުޅި ހަޔާތުގައި ނުރައްކާތެރި ހަރުފަތައް 172 އަށްވުރެ ގިނަ ފަހަރު އޭނާގެ ގަޔަށް ދަތްއަޅާ ވިހަލާފައިވެއެވެ. އާދައިގެ މީހަކު ގައިގައި އެންމެ ފަހަރަކު ވިހަލާއިރަށް މަރުވާނެ ފަދަ ހަރުފަތަކުގެ ވިހަތަކުން އޭނާ ސަލާމަތްވީ ހަށިގަނޑުގައި ހުރި ދިފާއީ ބާރުގެ ސަބަބުންނެވެ.
3. އޭނާގެ ލޭގައި ވިހައާ ދެކޮޅު އެންޓިބޮޑީސް ހުރުމުގެ ސަބަބުން، ހަރުފަ ދަތްއަޅައިގެން މަރުގެ ތުންފަތްމަތީގައި ތިބި 21 މީހެއްގެ ފުރާނަ އޭނާގެ ލޭ ހަދިޔާކޮށްގެން ސަލާމަތްކުރިއެވެ. މީގެ ތެރޭގައި ވެނެޒުއޭލާގެ ޖަންގައްޔެއްގައި ހުރި ކުޑަކުއްޖަކު ސަލާމަތްކުރުމަށް އޭނާ އެ ގައުމަށް ދަތުރުވެސް ކުރިއެވެ.
"އަޅުގަނޑަށް ހީވަނީ މިފަދަ ނުރައްކާތެރި ބާރެއް (ހަރުފަ ވިހަ)، ރަނގަޅު ގޮތުގައި ކޮންޓްރޯލް ކުރެވިއްޖެނަމަ، އިންސާނިއްޔަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެހެން." ބިލް ހާސްޓް ބުންޏެވެ.
ބިލް ހާސްޓް އަކީ ހަމައެކަނި ހަރުފަ ދައްކައިގެން މީހުން މުނިފޫހިފިލުވައިދިން މީހެއް ނޫނެވެ. އޭނާއަކީ އިންސާނުންގެ ސިއްހަތަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅި، މެޑިކަލް ސައިންސަށް އިންގިލާބީ ބަދަލެއް ގެނެސްދިން ހަގީގީ ބަތަލެކެވެ.





