ތެލުގެ ވިޔަފާރި ކުރާ ހޯކްސް ކުންފުނިން ބޭރުގެ ދެ ތެޔޮ ޓޭންކަރެއް ގަވާއިދާ ހިލާފަށް ރާއްޖެ ވައްދައި، ޑިއުޓީ ނުދައްކާ ތެޔޮ ނެގި ކަމުގެ ތުހުމަތު ކުރެވި، ކަސްޓަމްސް، ކޯސްޓުގާޑް، އަދި ކަމާ ގުޅޭ ދައުލަތުގެ ތަފާތު އިދާރާތަކުން ތަހުގީގެއް ހިންގަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ކަސްޓަމްސްގެ ބޭފުޅަކު ވަނީ މިފަދަ މައްސަލައެއް ތަހުގީގު ކުރެވެމުންދާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ތަފްސީލެއް ހިއްސާ ކުރައްވާފައެއް ނުވެ އެވެ.
ވަގަށް ރާއްޖެ ވަދެފައިވަނީ އޮމާންގެ މަގުން ދަތުރު ކުރި ދެ ތެޔޮ ޓޭންކަރެކެވެ. ގަވާއިދު ލާޒިމު ކުރާ ގޮތުން، ބޭރު ގައުމުތަކުގެ އުޅަނދުފަހަރަށް ރާއްޖެ ވަދެވޭނީ ހުއްދަ ހޯދައި ޑިއުޓީ ދެއްކުމަށް ފަހު ކަމަށްވީ ނަމަވެސް، ތަހުގީގުުގެ ތެރޭގައި ހާމަވި ގޮތުގައި ދެ ޓޭންކަރުވެސް ރާއްޖެ ވަދެފައިވަނީ ހުއްދައެއް ނެތި ކަމަށް ވެ އެވެ.
މި ދެތެޔޮޓޭންކަރުގައިވާ ޑޮކިއުމެންޓުތައް ކަސްޓަމަށް ލިބިފައިވާ ކަމަށާއި، ޑޮކިއުމެންޓްތަކުގައިވާ މައުލޫމާތުތަކުގައި ސުވާލު އުފެދޭކަންކަން ހުރި ކަމަށް ވެއެވެ. ކަށަވަރު ކުރެވިފައިވާ ގޮތުގައި، ޑޮކިއުމެންޓްތަކުގައި ކްލިއަރެންސް ދީފައިވަނީ އޭޕްރިލް މަހު ކަމަށްވީ ހިނދު، ޓޭންކަރު ފުރި ތާރީހަކީ މާޗު މަހެވެ. ފަހުން ތާރީހުގެ ކްލިއަރެންސެއް، ކުރިން ފުުރި ދަތުުރަކާ ދިމާ ވުުމަކީ ގަބޫލު ކުުރަން އުނދަގޫ ކަމެކެވެ. ކިއުއާރް ކޯޑު ހިމެނޭ އޮމާން ކްލިއަރެންސް ސިސްޓަމް ބޭނުންކޮށް، ކަސްޓަމްސް ބޭފުޅުންނަށް ސިދާ ބަލައިލެވޭ ކަމަށް ތަހުގީގާ ގާތް ފަރާތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވެ އެވެ.
ހޯކްސް ކުންފުނިން ވަނީ ތުހުމަތަށް ދެކޮޅު ހަދާ، ޤާނޫނާ ހިލާފު ކަންތައް ހިންގި ކަމަށް ތުހުމަތު ވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ.





