އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ފުރަހަނި ޝުއައިބު އަލީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީއަކީ ހަމައެކަނި ރައީސް ނަޝީދު ވެރިކަން ހޯދުމަށް ބޭނުންކުރާ 'އަސާގަނޑެއް' ކަމަށް ސިފަކުރައްވައިފިއެވެ. ޝުއައިބު ވިދާޅުވީ ބާރު ލިބުމާއެކު ޕާޓީ ހިންގުން ހުއްޓާލައި، އަމިއްލަ އެދުން އިސްކުރާނެ ކަމަށެވެ.
ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކޮށްދޭ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުއައިބު ވަނީ އެމްޑީޕީގެ އާންމު މެންބަރުންނަށް ހުޝިޔާރުވުމަށް ނަސޭހަތްތެރިވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބާރު ހޯދަން އުޅޭއިރު 'ޗެއަރޕާސަން އަންނި' ގެ ގޮތުގައި ފެނުނަސް، ބާރު ލިބުމުން 'ރައީސް ނަޝީދު' ގެ ގޮތުގައި ބަދަލުވެ، ވަގުންނާއި ލުޓޭރުންނަކީ އެންމެ އަރިސް ބޭފުޅުންނަށް ވެގެންދާނެއެވެ.
"އެތެރެކޮއިލުގެ ނާޗަރަންގީ ފެށޭނެއެވެ. ޕާޓީ ހިންގުން ހުއްޓުވާނެއެވެ. އެމްޑީޕީއަކީ އަންނި ވެރިކަން ހޯދަން ވިއްދާ އަސާގަނޑެކެވެ. ޤަބޫލު ކުރާށެވެ،" ޝުއައިބުގެ ޕޯސްޓްގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެހެން ޕޯސްޓެއްގައި ޝުއައިބު ވަނީ ރާއްޖޭގެ ސިޔާދަތާ ގުޅޭ ނުރައްކާތެރި ތުހުމަތުތަކެއް ވެސް ރައީސް ނަޝީދުގެ މައްޗަށް ކުރައްވާފައެވެ. އެގޮތުން އިންޑިއާ ކަނޑުން ދިވެހީންގެ ބައި އިންޑިއާއަށް ވިއްކާލުމުގެ 'ޑީލް' ހަދަނީ ރައީސް ނަޝީދު ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝުއައިބު ވިދާޅުވީ މިއީ ނުރައްކާތެރި އަދި ހީލަތްތެރި ރޭވުމެއް ކަމަށާއި، ގައުމުގެ ހައްގުގައި ރައީސް ނަޝީދަށް 'ނޫނެކޭ' ބުނުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. މި ބަދަލުވެގެންދާ ސިޔާސީ އޮއިވަރުގައި ޝުއައިބުގެ މި ވާހަކަތަކުން އެމްޑީޕީގެ އެތެރޭގެ މަސްލަހަތާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.





