ދެކުނު ކޮރެއާއަކީ އޯ.އީ.ސީ.ޑީ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު މަސައްކަތްކުރާ އަދި އެންމެ ނިދި މަދު އެއް ގައުމެވެ. އެ ގައުމުގެ ކިޔަވާ ކުދިންނަށް ރޭގަނޑު ނިދެނީ އެންމެ ތިން ހަތަރު ގަޑިއިރުއެވެ. އޮފީސް މުވައްޒަފުން ބައްދަލުވުން ތަކުގެ ދޭތެރެއިން މޭޒުދޮށުގައި ނިދާލައެވެ. މުޅި ގައުމުވެސް ހިނގަމުން ދަނީ ވަރުބަލިކަމާއި އައިސްޑް އެމެރިކާނޯގެ އެހީގައެވެ.
މިކަމާ ގުޅިގެން ސޯލްގެ މެޓްރޮޕޮލިޓަން ސަރުކާރުން ވަނީ ކޮންމެ އަހަރަކު ހަން ރިވަރ ޕާކުގައި 'ޕަވަރ ނެޕް ކޮންޓެސްޓް' ގެ ނަމުގައި ކުޑަވަގުތުކޮޅަކަށް ނިދާލުމުގެ މުބާރާތެއް ބާއްވަން ފަށާފައެވެ. މުބާރާތުގެ ގަވާއިދުތައް ވަރަށް ސާދާއެވެ. ވަރުބަލިވެފައި އަދި ބަނޑުފުރައިގެން އައުމާއި، 'ސްލީޕިންގ ބިއުޓީ' ނުވަތަ ޕްރިންސެއްގެ ހެދުން ފަދަ ހެދުމެއް ލައިގެން އައިސް ވިނަގަނޑުމަތީގައި އޮށޯވެ އޮތުމެވެ. އެވަގުތު އޮފިޝަލުން ބައިވެރިންގެ ހިތުގެ ވިންދު ހުންނަ މިންވަރު ބަލަމުން ގެންދާނެއެވެ. ހޭލާ ހުންނަ އިރާއި ނިދާފައި އޮންނަ އިރު ހިތުގެ ވިންދަށް އަންނަ ބަދަލު ބޮޑުވި ވަރަކަށް ލިބޭ މާކްސް މަތިވާނެއެވެ.
މުބާރާތް އިތުރަށް އުނދަގޫ ކުރުމުގެ ގޮތުން، ޖަޖުން ޕާކުތެރޭގައި ހިނގަމުން، ފަތުން ކޮށްޓާ، ސިއްރުން ވާހަކަ ދައްކައި، އަދި ސްޕީކަރުން މަދިރި އަޑު އިއްވައިގެން ބައިވެރިންނަށް ހޭލެއްވޭތޯ މަސައްކަތް ކުރާނެއެވެ.
އެތައް ސަތޭކަ ޒުވާނުންނެއް ވަނީ ތަފާތު ފުރިހަމަ ހެދުންތަކުގައި މި މުބާރާތުގެ ތާޖު ހޯދުމަށް އައިސްފައެވެ. ނަމަވެސް އެ އެންމެން ބަލިކޮށް މިއަހަރުގެ މުބާރާތް ކާމިޔާބުކުރީ އުމުރުން 80 އަހަރުގެ މީހެކެވެ.
މިއީ މި މުބާރާތް ވިދިވިދިގެން ބޭއްވި ތިންވަނަ އަހަރެވެ. އަދި ދެކުނު ކޮރެއާއަށް މިކަން ބޭނުންވާހާ ހިނދަކު މުބާރާތް ބާއްވަމުން ގެންދާނެކަމަށް ސިޓީން ބުނެއެވެ. ދެކުނު ކޮރެއާއަށް ދިމާވެފައިވާ ނިދި މަދުވުމުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ.





