ފައްޔާޒްގެ މައްޗަށް ނަޝީދު ކުރިން ކުރެއްވި ތުހުމަތު ކެންސަލް: 39000 މެމްބަރުން އުނިކުރި ވާހަކަ ޕާޓީތެރޭގައި އުފެއްދި "ބޮޑު ފިތުނައަކަށް"

ފައްޔާޒްގެ މައްޗަށް ނަޝީދު ކުރިން ކުރެއްވި ތުހުމަތު ކެންސަލް: 39000 މެމްބަރުން އުނިކުރި ވާހަކަ ޕާޓީތެރޭގައި އުފެއްދި "ބޮޑު ފިތުނައަކަށް"

އެންމެ ފަހުން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ 39،000 މެންބަރުން ޕާޓީގެ ދަފުތަރުން ގަސްތުގައި އުނިކުރި ކަމަށް ބުނެ ކުރި ސީރިއަސް ތުހުމަތުތަކަށް، އެމަނިކުފާނު މިހާރު ސީދާ ޖަވާބެއް ނުދެއްވައި ވާހަކަ ބަދަލު ކުރައްވައިފި އެވެ.

ކުޑަހުވަދޫގައި ބޭއްވި ބައްދަލުވުމެއްގައި މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ކުރިން ދެއްކެވި ހަރުކަށި ވާހަކަތަކާ ހިލާފަށް، މިއީ އިދާރީ އަދި ގާނޫނީ ބަދަލު ތަކެއްގެ ސަބަބުން ހިނގި ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމުގައި، ޕާޓީގެ މެންބަރަކު ވަނީ މެންބަރުން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ސުވާލު ކުރައްވާފައެވެ. ނަމަވެސް ފައްޔާޒު ޖަވާބު ދެއްވުމުގެ ކުރިން ނަޝީދު ވަނީ މައިކް އަތުލައްވައި، އެ ސުވާލަށް ޖަވާބު ދެއްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ. މި މަންޒަރު ފެނި ފައްޔާޒު ވަނީ "އަޅުގަނޑު ޖަވާބު ދޭނެ ކަމެއް ނެތް" ކަމަށް ވިދާޅުވެ ހިނިތުންވުމަކާއެކު ފުރުސަތު ދެއްވާފަ އެވެ.

ސީދާ ޖަވާބެއް ނެތް، އިނގިލީގެ ނިޝާނުގެ ބަހަނާ

މެންބަރުން ވަކިކުރީ ގަސްތުގައިތޯ ކުރި ސުވާލަށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ "އޭގެ ތެރޭގައި ދެތިން ކަމެއް ހިނގައިދިޔަ" ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އައި ބަދަލާއެކު ފިންގާޕްރިންޓް ޖަހަން ޖެހުމުން، އެ މަރުހަލާގެ ތެރޭގައި ވަރަށް ގިނަ މީހުން ދަފުތަރުން ގެއްލިގެން ދިޔަ ކަމަށް ފާހަގަކުރެއްވި އެވެ. މިއީ ކުރިން ފައްޔާޒާއި ރައީސް ސޯލިހަށް އަމާޒުކުރި ތުހުމަތުތަކާ މުޅިން ހިލާފު، މައްސަލަ އޮއްބާލުމުގެ ރޫހެއްގައި ދެއްވި ޖަވާބެކެވެ.

ސިޔާސީ މަންފާއަށް ހެއްދެވި އިތުރުފުޅެއް؟

ޕްރައިމަރީ ދުވަސްވަރު ނަޝީދުގެ އަރިސް ބޭފުޅުންނާއި އެކްޓިވިސްޓުން ލައްވައި އޭރު ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހާ އަދ އޭރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދީ، އެއީ ވޯޓަށް ނުފޫޒު ފޯރުވަން ހިންގި ޖަރީމާއެއްގެ ގޮތުގައި ވަނީ ދައްކާފަ އެވެ. ނަމަވެސް މިއަދު މަސްލަހަތު ބަދަލުވުމުން، ކުރިން ދެއްކެވި ވާހަކަފުޅުތައް ހަނދާން ނައްތާލައްވައި، އެއީ ހަމައެކަނި ގާނޫނީ އިޖުރާއަތެއްގެ ގޮތުގައި ދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ނަޝީދަށް އަމާޒުވެފަ އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު އެންމެ ބޮޑު އެއް ފިތުނައަކީ މި ދަފުތަރުގެ މައްސަލަ ކަމަށްވާއިރު، ނަޝީދު މިހާރު ދެއްކެވި ވާހަކަފުޅުން ދޭހަވަނީ އޭރު އެ ވާހަކަތައް ދެއްކެވީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކަމެވެ. ކުރިން ފައްޔާޒާ ދިމާލަށް އެއްޗެހި ގޮއްވައި، ޕާޓީ ބައިބައި ކުރުމަށް ފަހު، މިއަދު އެއީ އެއްވެސް ކަމެއް ނޫން ކަމަށް ދެއްކެވުމަކީ ސިޔާސީ ގޮތުން ނަޝީދު ގެންގުޅުއްވާ އުސޫލެއް ނެތް ސިޔާސަތު ހާމަވާ ކަމެއް ވަނީ ބެލެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *