އިނގިރޭސިވިލާތުގެ ނިރުބަވެރިކަން ހުއްޓުވުމާ ބެހޭ ޤާނޫނު، އެކްޓިވިސްޓުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ނަމަ، އެ ޤާނޫނުގެ އަސްލު މަޤްޞަދު ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު، އެ ޤައުމުގެ ނިރުބަވެރިކަމުގެ ޤާނޫނުތައް ދިރާސާކުރާ މިނިވަން ރިވިއުވަރު ޖޮނަތަން ހޯލް ދެއްވައިފިއެވެ.
2024ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން ނިރުބަވެރިކަން ހުއްޓުވުމާ ބެހޭ ޤާނޫނު ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ހޯލް ނެރުއްވި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ޕަލަސްޓައިން އެކްޝަން" އިނގިރޭސިވިލާތުގައި މަނާކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. އޭނާ ވިދާޅުވީ ހަމައެކަނި މުދަލަށް ގެއްލުން ދިނުމަކީ ނިރުބަވެރިކަމުގެ ޢަމަލެއްގެ ގޮތުގައި ބެލިދާނެ ކަމާމެދު މިހާރު ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައި ކަމަށެވެ.
ހޯލް ވިދާޅުވި ގޮތުގައި މިހާރު އޮތް ޤާނޫނުގައި ބޭނުންކޮށްފައިވާ ބަސްމަގު ފުޅާކަމުން، މީހަކަށް ޖިސްމާނީ ގެއްލުމެއް ދިނުމުގެ ނިޔަތް ނެތް ނަމަވެސް، ކުރާ މުޒާހަރާތަކަކީ ނިރުބަވެރިކަމުގެ ޢަމަލެއްގެ ގޮތުގައި މާނަކުރުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން، "މުދަލަށް ބޮޑެތި ގެއްލުން ދިނުން" މާނަކުރާ ގޮތް ޤާނޫނުގައި މިހާރަށްވުރެ ސާފުވާން ޖެހޭ ކަމަށާއި، ކޯޓުތަކުން އެ ލަފުޒުތައް މާނަކުރާއިރު އާދައިގެ ޖިނާޢީ ގެއްލުން ދިނުން ވެސް އޭގެ ތެރޭގައި ހިމެނިދާނެ ކަމުގެ ބިރު އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިރުބަވެރިކަމުގެ މާނައިގެ ތެރެއިން މުދަލަށް ގެއްލުން ދިނުން މުޅިން އުނި ނުކުރެވޭނެކަން ފާހަގަކުރައްވަމުން ހޯލް ހުށަހެޅުއްވީ، އެކަން އިތުރަށް ސާފުކުރުމަށްޓަކައި މުދަލަށް ގެއްލުން ދިނުމާއެކު ފުރާނައަށް ނުރައްކާވުން ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތުން ލާޒިމްކުރުމަށެވެ. އަދި ޞުލްޙަވެރި މުޒާހަރާތަކަކީ ނިރުބަވެރިކަމުގެ ތެރޭގައި ނުހިމެނޭ ކަންކަން ކަމުގައި ޤާނޫނުގައި ބަޔާންކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޮނަތަން ހޯލްގެ މި ރިޕޯޓު އާއްމުކޮށްފައި މިވަނީ، ޕަލަސްޓައިން އެކްޝަން މަނާކުރީ ޤާނޫނާ ޚިލާފަށް ކަމަށް އިނގިރޭސިވިލާތުގެ ހައި ކޯޓުން ނިންމާފައި ވަނިކޮށެވެ. އިނގިރޭސި ސަރުކާރުން މިހާރު ވަނީ ހައި ކޯޓުގެ އެ ނިންމުން އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައެވެ.





