ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު ޕާޓީ ތެރޭގައި ތާއީދު ބޮޑީ ކާކަށްތޯ ބެލުމަށް ވޯޓެއް ނަގަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ދެ ބޭފުޅުންނާ ވެސް ހިތްހަމަނުޖެހޭ ފަރާތްތައް ތިބި ކަމަށާއި، ތާއީދު އޮތް ތަން ސާފުކުރަން ވޯޓަކަށް ދިއުން ކޮންމެހެން ބޭނުން ކަމަށެވެ.
"އަޅުގަނޑާއި ރައީސް ޞާލިހާއި އެކުގައި ފޮޓޯއެއް ނަގާލާފަ، ދުވަސްކޮޅެއް ފަހުން ހަމަ ކުރީގެ ގޮތަށް ކަންކަން ހިނގާނީ، ބަދަލެއް ނާންނާނެ،" ނަޝީދު ވިދާޅުވިއެވެ.
މި ވާހަކަތައް ދެއްކެވީ، ޕާޓީ ޗެއާޕާސަން އިންތިޚާބު ފަސްކުރުުމަށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ދަނޑިވަޅެއްގައެވެ. ޣަފޫރު ވިދާޅުވެފައިވަނީ ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބި، އިންތިޚާބު ބާއްވާނެ މާލީ ތަނަވަސްކަން ޕާޓީގައި ނެތް ކަމަށެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ، މާލީ ދަތިތަކާ ހެދި އިންތިޚާބު ފަސްކުުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، ތާވަލު ކޮށްފައިވާ ގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ، ”ވަކި ބަޔަކަށް“ ފައިދާވާ ގޮތަށް އިންތިޚާބުގެ ތާރީޚުތަކާ ނުކުޅުއްވުމަށް ގޮވާލައި، ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.





