ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ފަރާތުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި އެވެ.
ފަންސާސް ޓަނުގެ ކަދުރު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. ސަޢޫދީ ސަރުކާރުގެ ފަރާތުން ކަދުރު ހަދިޔާ ކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޔަޙްޔާ ބިން ޢަލީ އަލްޤަޙްޠާނީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ އާ ހަވާލުވެ ވަޑައިގަތީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި އެހީ އާ ގުޅޭ ގޮތުން ވަޒީރު ޑރ. ޝަހީމް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަ ކުރެއްވި ގޮތުގައި، 2004 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ސަޢޫދީ ސަރުކާރުން އަންނަނީ މެދުކެނޑުމެއް ނެތި ރާއްޖެއަށް މި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި އުޚުއްވަތްތެރި ގުޅުމުގެ ރަމްޒެކެވެ.
ވަޒީރު ވަނީ ސަޢޫދީ ސަރުކާރާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ދިވެހިރާއްޖެ ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު ވެސް އަދާ ކުރައްވާފަ އެވެ.
މީގެ ކުރިން ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވެސް ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވެ އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވަނީ އެ ކަދުރުތައް އެކި މުއައްސަސާތަކާއި ދާއިރާތަކަށް ބަހާފަ އެވެ.





