ހަނގުރާމައިގެ ތެރޭގައިވެސް ދުވާލަކު 1.5 މިލިއަން ފީފާ ތެޔޮ އެކްސްޕޯޓް ކުރަން: އީރާން
އެމެރިކާއާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއެކުވެސް، އީރާނުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދުވާލަކު ގާތްގަނޑަކަށް 1.5 މިލިއަން ފީފާއަށް އަރާފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނެފިއެވެ.
ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ތެރޭގައި އީރާނުން ދުވާލެއްގެ މައްޗަށް އެކްސްޕޯޓުކުރި ތެލުގެ މިންވަރު 1.5 މިލިއަން ފީފާއަށް ވުރެ އިތުރުވެފައިވާއިރު، މިއީ ކުރިން ތެޔޮ ވިއްކަމުންދިޔަ މިންވަރާ އަޅާބަލާއިރު ގާތްގަނޑަކަށް 50 އިންސައްތައިގެ ކުރިއެރުމެކެވެ.
އެ އޭޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގެ އަގުތަކާ ގާތްކުރާ އަގުތަކެއްގައި އީރާނުން އަންނަނީ ގިނަ އަދަދަކަށް ތެޔޮ ވިއްކަމުންނެވެ. އަދި މީގެ ސަބަބުން އެ ގައުމަށް ތެލުން ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ކުރިއެރުން އައިސްފައިމިވަނީ، ހިނގަމުންދާ ހަނގުރާމައާއި، ދުނިޔޭގެ އެންމެ މުހިންމު އެއް ތެޔޮ މަގު ކަމަށްވާ ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ހަނިކުރުމަށް އީރާނުން ނިންމި ނިންމުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ތެޔޮ މި ކަނޑުއޮޅިން ހުރަސްކުރާއިރު، އީރާނުގެ މި ފިޔަވަޅުގެ ސަބަބުން ޝިޕިންގ އަދި އިންޝުއަރެންސްގެ އަގުތައް އުފުލި، މުޅި ދުނިޔޭގައި ތެލުގެ އަގުތައް ބޮޑުވެ، އިންފްލޭޝަނަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
ބްލޫމްބާގާ ހަވާލާދީ އަޝްރަޤް ބިޒްނަސް އިން ބުނާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އީރާނަށް ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިތުރު އާމްދަނީއެއް ލިބިފައެވެ.
މިއީ ބައެއް ގައުމުތަކަށް ހުރްމޫޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއެޅުމުގެ ސަބަބުން ސާފުނުކުރާ ތެލުގެ އަގު އުފުލުމާ ގުޅިގެން އެ ގައުމަށް ލިބުނު ފައިދާއެކެވެ.
އެމެރިކާ ނުވަތަ އިސްރާއީލުން އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީފާނެ ކަމުގެ ބިރު އޮތުމާއެކު، ގަލްފުގެ ގައުމުތަކާއި އީރާނުގެ ހަކަތައިގެ ކާރުހާނާތަކަށް ހަމަލާއެއް އަމާޒުވެދާނެކަމުގެ ކަންބޮޑުވުން އިންވެސްޓަރުންގެ މެދުގައި ވަރަށް ބޮޑަށް އެބައޮތެވެ.
މީގެ ސަބަބުން އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޮތް ޕްރެޝަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.





