ޗައިނާގެ ހުއަންގްލޫ އަވަށަކީ "ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑުލީ މީހުން އުޅޭ އަވަށް" ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.
މި އަވަށުގައި ދިރިއުޅޭ "ޔާއޯ" ގަބީލާގެ އަންހެނުންގެ އެންމެ ހާއްސަ ސިފައަކީ، ބިންމަތީގައި ކިރިޔާ ނުޖެހޭހާ ދިގު، ކަޅުކަންގަދަ އަދި އޮމާން އިސްތަށިގަނޑެވެ.
ޗައިނާގެ "ދިގު އިސްތަށިގަނޑުގެ އަވަށުގެ" ސިއްރު
ހުއަންގްލޫ އަވަށުގެ ގިނަ އަންހެނުންގެ އިސްތަށިގަނޑުގެ ދިގުމިނުގައި ގާތްގަނޑަކަށް 1.5 މީޓަރު (5 ފޫޓު) ހުރެއެވެ. ބައެއް މީހުންގެ އިސްތަށިގަނޑު މިއަށްވުރެވެސް ދިގެވެ. މިފަދަ ބޮޑު އިސްތަށިގަނޑެއްގެ ބަރުދަނުގައި 1 ކިލޯގްރާމް ހުންނައިރު، މިއީ ހަމައެކަނި ފެޝަނެއް ނޫނެވެ. މިއީ އެމީހުންގެ ދިރިއުޅުމުގެ ބައެކެވެ.
މިހާ ދިގު އިސްތަށިގަނޑެއް ދޮވެ، ފުނާ އަޅައި، ނަލަހައްދާލުމަކީ ކެތްތެރިކަން ބޭނުންވާ މަސައްކަތެކެވެ. މިކަމަށްޓަކައި ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަވެއެވެ. އާންމުކޮށް މި އަންހެނުން އިސްތަށިގަނޑު ދޮންނަނީ ކައިރީގައި އޮންނަ ކޯރަކަށް ގޮސްގެންނެވެ.
މި މީހުންގެ އިސްތަށިގަނޑު މުސްކުޅިވާއިރުވެސް ނުރަ ނުވެ، ކަޅުކޮށް އޮންނަ އެންމެ ބޮޑު ސިއްރަކީ އެމީހުން ބޭނުންކުރާ ސަގާފީ ޝޭމްޕޫއެވެ. މި ތައްޔާރު ކުރަނީ:
ހަނޑޫ ދޮންނަ ފެން: (މިއީ ފަރމެންޓް ނުވަތަ ހުތް ކުރަން ދޫކޮށްލާފައި ހުންނަ ފެނެކެވެ.)
އިނގުރު، ސައިފަތް، އަދި އެކި ބާވަތުގެ މޭވާގެ ތޮށި:
މި ގުދުރަތީ މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްސް ލިބި، އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ.
ޔާއޯ ގަބީލާގެ މީހުން ގަބޫލުކުރާ ގޮތުގައި އިސްތަށިގަނޑަކީ އިންސާނާގެ އުމުރު ދިގުވުމާއި، ނަސީބާއި، އަދި މުއްސަނދި ކަމުގެ ރަމްޒެކެވެ.
މި އަންހެންވެރިން މުޅި އުމުރުގައިވެސް އިސްތަށިގަނޑު ބުރިކުރަނީ އެންމެ ފަހަރަކުއެވެ. އެއީ އުމުރުން 18 އަހަރު ފުރޭ ދުވަހުއެވެ. މިއީ އެ ކުއްޖާ ބޮޑުވެ، ކައިވެންޏަށް ތައްޔާރު ވެއްޖެކަން އަންގައިދޭ ނިޝާނެކެވެ.
ބުރިކުރާ އިސްތަށިގަނޑު އުކާލުމުގެ ބަދަލުގައި، އެ ރައްކާކޮށްގެން ފަހުން އިސްތަށިގަނޑުގެ ތެރޭގައި ލައިގެން އޮޅާލަން ބޭނުން ކުރެއެވެ.
މިއަދު މި އަވަށަކީ ޔުނެސްކޯ އާއި ދުނިޔޭގެ ރެކޯޑް ފޮތް ތަކުން ޖާގަ ހޯދާފައިވާ ތަނެކެވެ. ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް މި ސަގާފީ ހަރަކާތްތައް ބަލާލުމަށާއި، މި ހައިރާން ކުރުވަނިވި އިސްތަށިގަނޑުތައް ދެކިލުމަށް އެ އަވަށަށް ޒިޔާރަތް ކުރެއެވެ.
މިއީ ހަމައެކަނި ރީތިވުމަށް ކުރާ ކަމެއް ނޫންކަން ސާފެވެ. މިއީ އެތައް ޖީލެއްގެ އާދަކާދަ އާއި، އާއިލީ ގުޅުންތައް ދަމަހައްޓައިދޭ މުހިންމު ސަގާފީ ތަރިކައެކެވެ.





