އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ، އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒު، ދިއޭގޯ ގާސިއާ (ފޯޅަވަހި) އަށް އީރާނުން ދެ މިސައިލް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކޮށްފިއެވެ.
މި ހަމަލާގައި ބޭނުން ކޮށްފައިވަނީ މެދު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެކެވެ. މި ހަމަލާއާ ގުޅޭގޮތުން ލިބިފައިވާ އިތުރު ތަފްސީލު ތަކަށް ބަލާއިރު، އީރާނުން ފޮނުވާލި މިސައިލްތައް ސީދާ އެ މަރުކަޒަށް އަރާފައެއް ނުވެއެވެ.
ނަމަވެސް، މިއީ މެދުއިރުމައްޗާ ދުރުގައި އޮންނަ އިންޑިއާ ކަނޑުގެ ސަރަހައްދަށް އީރާނުގެ އަސްކަރީ ބާރު ފޯރުވުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދިން، މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެގެން ދިޔަ ކަމެކެވެ.
ޑިއޭގޯ ގާސިއާ އަކީ ދިވެހިރާއްޖެއާ ގާތްގަނޑަކަށް 1،800 އާއި 2،000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނަކަށް ވުމުން، މި ހަމަލާއާއެކު ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ މަސްރަހަށް ވަނީ ކަންބޮޑުވުންތަކެއް ކުރިމަތިވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުގެ މެދުތެރެއިން ވަނީ ފެއިލްވެފައެވެ.
ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދިފާއީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ވަނީ 'އެސް.އެމް-3′ މަރުކާގެ އިންޓަސެޕްޓަރ މިސައިލެއް ފޮނުވާލާފައެވެ. ނަމަވެސް، އީރާނުގެ މިސައިލް ކާމިޔާބުކަމާއެކު ވައްޓާލެވުނުކަން ނުވަތަ ނޫންކަން އޮފިޝަލުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
ފޯޅަވަހީގައި ހުންނަ ޑިއޭގޯ ގާސިއާ މަރުކަޒަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. މިއީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުތަކާއި ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ މަރުކަޒީ ހަބެކެވެ.
މި ތަނުގެ ސްޓްރެޓީޖިކް މުހިންމުކަން ބޮޑީ މެދުއިރުމައްޗާއި، އެފްރިކާ އަދި އޭޝިއާގެ ސަރަހައްދުތަކަށް އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން އެމެރިކާއަށް ލިބިދޭތީއެވެ.
ދިފާއީ މުހައްލިލުން ބުނާ ގޮތުގައި، މި ހަމަލާއަކީ އީރާނާ ގުޅުންހުރި ހަމަނުޖެހުންތައް ޖިއޮގްރަފީ ގޮތުން ފުޅާވަމުންދާ ކަމުގެ ހެއްކެކެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިންޑިއާ ކަނޑުގެ ސަލާމަތީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.





