ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ނުފުރިތިބި 1888 ފަތުރުވެރިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ ރާއްޖޭގައި ފަތުރުވެރިން ނުފުރި މަޑުކުރަންޖެހުނެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ފްލައިޓްތައް ކެންސަލްވި ހިސާބުން ސަރުކާރުން ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމަށެވެ.
އެގޮތުން އެއަރޕޯޓްގައި ފަތުރުވެރިންނަށް މަޑުކުރެވޭނެ އިންތިޒާމްތައް ވަގުތުން ހަމަޖައްސައިދިންކަމަށާއި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރިސޯޓްތަކުން މާބޮޑު އަގުތަކެއް ނުނަގައި ފަތުރުވެރިންނަށް ސްޓޭ އިތުރުކޮށްދިން ކަމަށެވެ. އަދި މާރޗް އަދި އެޕްރީލް މަހު ވަރަށް ބޮޑަށް ކެންސަލޭޝަން ލިބެމުން އަންނަ ކަމަށެވެ. ކެންސަލްކުރާ ފަރާތްތަކުން ރީބުކް ކުރުމަށް އިތުރު ޗާޖަކާއި ނުލައި ފަސޭހަ އިންތިޒާމް ތަކެއް ރިސޯޓް ތަކުން ހަމަޖައްސައިދެމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް 1888 ފަތުރުވެރިންނަށް މިހާރު މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި. އެއަރޕޯޓުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ގޮންޖެހުން ހުރި މީހުންނަށް. އަދި އިތުރަށް މިކަން ހަރުދަނާކުރުމަށް ޕްލޭންއެއްވެސް ގާއިމްކޮށްދެވިފައި." ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅުން ފެށިގެން މާކެޓިން ހަރަކާތްތައް ހަރުދަނާކުރާނެކަމަށެވެ. އަދި މާކެޓިން ހަރަކާތްތައް ވަރުގަދަކުރާ ބައެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ ރަޝިއާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޚާއްސަކޮށް އަޅުގަނޑުމެން މިވަގުތު އެންމެ ބޮޑަށް ފޯކަސް ކޮށްގެން މަސައްކަތްކުރަންޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ އަދި ރަޝިއާ ކަމަށްވާތީ އެތަންތަނުންވެސް އެތަންތަނުންވެސް އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައް، ފްރިކުއެންސީ އިތުރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ތާރިޤް ވިދާޅުވީ، ކައިރި ގައުމުތަކާއި ފަތުރުވެރިން އަންނަ ގައުމުތަކާއި އެއަރލައިންތައް އޮޕަރޭޓްކުރާ ގައުމުތަކާއެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ.
އެގޮތުން މިވަގުތު އެންމެ ވަރުގަދައަށް އޮޕަރޭޓްކުރާ އެއަރލައިންއަކީ ޓާކިޝް އެއަރލައިންކަމަށާއި، ޓާކިޝް އެއަރލައިންސްގެ އޮޕަރޭޝަން ވަރުގަދަކުރުމަށް އެ ގައުމުގެ ސަރުކާރާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ބައެއް ގައުމުތަކުގެ އެމްބަސީތަކާއިއެކު މާކެޓްކުރާނެ ގޮތްތަކަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ވުޒާރާއިން ނެރޭ އެންމެ ފަހުގެ އިރުޝާދުތަކަށް ސަމާލުވުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ވަނީ އިރުޝާދުދެއްވާފައެވެ.





