ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެ އާ ދެމެދު އޮތް ގުޅުން ކުރިއަށް ވުރެ ވެސް ވަރުގަދަވެ ބަދަހިވެފައިވާ ކަމަށް، ސައުދީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި ޒަމާނުއްސުރެ ދެމެހެއްޓެމުން އަންނަ ގުޅުމުގެ ސަބަބުން އެކި ދާއިރާތަކުން ދެ ޤައުމަށް ވެސް ކުރިއެރުން ލިބެމުން ދާ ކަމަށެވެ.
"ރާއްޖެ އާއި ސައުދީ އަރަބިއްޔާ، ދެ ޤައުމުގެ ދެ މެދުގައި އޮތް ވަރުގަދަ އަދި ބަދަހިވެފައިވާ ގުޅުން ފާހަގަކޮށްލަން. މި މުހިންމު މުނާސަބަތުގައި، އަޅުގަނޑުމެންގެ ތާރީޚާއި، އިތުބާރާއި، ލީޑާޝިޕަށް ފަޚުރުވެރިވެ، މުސްތަޤްބަލަށް އުންމީދު ކުރަން،" ސަފީރު ވިދާޅުވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީ ޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސައުދީ ރައްޔިތުންނަށް ތައުސީސީ ދުވަހުގެ ތަހުނިޔާ ދަންނަވާފަ އެވެ.
ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންގެ އިތުރުން ސައުދީ އެމްބަސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސައުދީ އަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 22 ވަނަ ދުވަހަކީ ސައުދީ ތައުސީސީ ދުވަހެވެ.





