ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކެމްޕެއިން ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކެންޑިޑޭޓުންނަށާއި އާންމުންނަށް ތަކުރާރުކޮށް ގޮވާލެއްވީ، ބަދުބަހާ ފުރައްސާރައިން ދުރުހެލިވެ، ކެމްޕެއިން ހިންގުމުގައި ވެސް ރިވެތި ގޮތް އިޚްތިޔާރު ކުރުމަށެވެ.
ޕީއެންސީ (ކޮންގްރެސް ޕާޓީ)ގެ އަންހެނުންގެ ގޮފިން ރޭ ބޭއްވި މާހެފުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، "އެކަކު އަނެކަކަށް ބަދުބަސް ބުނުމާ ފުރައްސާރަކުރުމުން ރައްކާތެރިވުމަކީ ވެސް ކުރެވޭ އަޅުކަމެއް" ކަމަށެވެ.
ބަރަކާތްތެރި ރަމަޟާން މަހާ ކެމްޕެއިން ދިމާވެފައިވާ ދަނޑިވަޅާ ގުޅިގެން، ސާޖިދާ ވަނީ ދެ ކަމަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގޮވާލައްވައިފަ އެވެ. ފުރަތަމައީ، ރަމަޟާން މަހުގައި އަޅުކަމުގައި ހޭދަ ކުރާ ވަގުތު އިތުރުކޮށް، ހަވާލުވެފައިވާ ޒިންމާތައް ފުރިހަމައަށް އަދާ ކުރުމެވެ. ދެވަނައީ، ކެމްޕެއިންގެ ހުރިހާ ހަރަކާތެއް ވެސް އިސްލާމީ ހަމަތަކާ ރިވެތި އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.
ރަމަޟާން މަހާ ގުޅިގެން ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އަޒުމަކަށް ވާންވީ، "އެހެން މީހުންނަށް ފުރައްސާރަ ނުކޮށް، ހުރިހާ ގުޅުންތަކެއްގައި ވެސް ރިވެތި ގޮތް ނެގެހެއްޓުން" ކަމަށް ސާޖިދާ ވިދާޅުވި އެވެ.





