27 އޮކްޓޯބަރު 1962 ގައި، މުޅި ދުނިޔެ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް ކެރީބިއަން ކަނޑުގެ އަޑީގައި އޮތް ސަބްމެރީނެއްގެ ތެރޭގައި ހުރި އެންމެ މީހަކު ނިންމި ނިންމުމަކުން، އިންސާނީ ދަރިފަސްކޮޅު ނެތިގެން ދިއުމުން ސަލާމަތްވިއެވެ.
ތާރީޚީ ފޮތްތަކުގައި ބުނާ ގޮތުން "ކިއުބަން މިސައިލް ކްރައިސިސް" ނިމުމަކަށް އައީ ޖޯން އެފް. ކެނެޑީ އާއި ނިކިތާ ކްރުޝްޗޭވްގެ ސިޔާސީ މަޝްވަރާ ތަކުންނެވެ. ނަމަވެސް މިއީ މުޅިން ތެދެއް ނޫނެވެ. ދުނިޔޭގެ ހަގީގީ ސަލާމަތްތެރިޔަކީ ސޫޓުލައިގެން ތިބި ސިޔާސީ ވެރިންނެއް ނޫނެވެ. އެއީ ހޫނުގަދަ، ވަރުބަލިވެފައިވާ، އަދި ތެޔޮވަސް ދުވާ ސަބްމެރީނެއްގެ ތެރޭގައި ހުރި ރޫސީ އަސްކަރީ އޮފިސަރެއް ކަމަށްވާ ވަސީލީ އާކިޕޯވް އެވެ. އޭނާގެ ނަމަކީ 40 އަހަރު ވަންދެން ސިއްރު ކުރެވިފައި އޮތް ނަމެކެވެ.
އާކިޕޯވް މިކަން ކުރިގޮތް ދެނެގަތުމަށްޓަކައި، ކިއުބާ ކައިރީގައި ފިލައިގެން އޮތް ރޫސީ ސަބްމެރީން B-59 ގެ ތެރޭގައި އޮތް ހާލަތު އެނގެންޖެހެއެވެ.
27 އޮކްޓޯބަރު — ފަހުން "ބްލެކް ސެޓަޑޭ" ގެ ނަމުން މަޝްހޫރުވި ދުވަސް — އައިއިރު، B-59 އޮތީ ހަފްތާތަކެއް ވަންދެން ކަނޑުގެ އަޑީގައެވެ. ބެޓެރީތައް ދަނީ ހުސްވަމުންނެވެ. އޭސީ ހަލާކުވިތާ އެތައް ދުވަހެކެވެ. ސަބްމެރީންގެ އެތެރޭގެ ހޫނުމިން ހުރީ 113 ފަރަންހައިޓް (45 ސެލްސިއަސް) އަށް ވުރެ މަތީގައެވެ.

ހޫނުގަދަވުމުގެ ސަބަބުންނާއި ކާބަންޑައިއޮކްސައިޑް އިތުރުވުމުގެ ސަބަބުން ފަޅުވެރިން ދިޔައީ ހޭނެތެމުންނެވެ. އެމީހުންގެ ހަށިގަނޑުގެ ބަރުދަނުން 40 އިންސައްތަ ލުއިވެފައިވާއިރު، ދުވާލަކު ލިބެނީ އެންމެ ފެން ބޯތަށި ވަރެވެ. މީގެ އިތުރުން، އެމީހުން ތިބީ މޮސްކޯއާ އެއްވެސް މުއާމަލާތެއް ނުކުރެވޭ ހާލަތެއްގައެވެ. ދުނިޔޭގައި ހަނގުރާމަ ފެށުނީ ކަމެއް ނުވަތަ ނޫންކަމެއް އެމީހުންނަކަށް ނޭނގެއެވެ.
ކަނޑުގެ ސަތަހައިގައި، އެމެރިކާގެ މަނަވަރުތަކުން ވަނީ މި ސަބްމެރީން އޮތް ތަން ހޯދާފައެވެ. ސަބްމެރީން މައްޗަށް އެރުވުމަށްޓަކައި އެމެރިކާއިން "ސިގްނަލް ދޭ" ބޮންތަކެއް އުކަން ފެށިއެވެ. މިއީ މަރާލުމުގެ ބަދަލުގައި ސަބްމެރީންގެ ބޭރު ފަށަލައިގައި ޖެހި އަޑުގަދަ ކޮށްލުމަށްޓަކައި އުކި އެއްޗެހިތަކެކެވެ.
ނަމަވެސް ސަބްމެރީންގެ އެތެރޭގައި ތިބި މީހުންނަށް މިއީ ދުނިޔެ ނިމުމުގެ އަޑެވެ. މުޅި ސަބްމެރީން ތެޅެމުން ދިޔައެވެ. ބައްތިތައް ނިވި، މުޅި ތަނުގައި އޮތީ ކުއްލި ހާލަތުގައި ބޭނުންކުރާ ރަތް ބައްތީގެ އަލިކަމެވެ.
ކެޕްޓަން ވަލެންޓިން ސަވިޓްސްކީ އަށް ކެތްނުކުރެވިގެން ހަޅޭއްލަވައިގަތެވެ. އޭނާ ގަބޫލުކުރީ ތިންވަނަ ބޮޑު ހަނގުރާމަ ފެށުނީ ކަމަށެވެ. އޭނާ ބުންޏެވެ:
"އަހަރެމެން މިހާރު އެމީހުން ގޮއްވާލާނަން! އަހަރެމެން މަރުވެދާނެ، އެކަމަކު އެންމެން ފައްތާލާނަން، އަހަރެމެންނަކީ ފްލީޓުގެ ލަދުވެތި ބަޔަކަށް ނުވާނަން."
އޭނާ އަމުރުކުރީ "ޚާއްސަ ހަތިޔާރު"—ހިރޯޝީމާއަށް ވައްޓާލި ބޮމާ އެއްވަރުގެ ނިއުކްލިއަރ ޓޯޕިޑޯ—ތައްޔާރު ކުރުމަށެވެ. އޭނާގެ އަމާޒަކީ އެމެރިކާގެ މަނަވަރު USS Randolph އެވެ.
ބީ-59 ގައި ނިއުކްލިއަރ ހަތިޔާރެއް ޖެހުމަށްޓަކައި އާންމުކޮށް ބޭނުންވަނީ ދެ މީހެއްގެ އިއްތިފާގެކެވެ: ކެޕްޓަނާއި ޕޮލިޓިކަލް އޮފިސަރެވެ. އެ ދެމީހުންވެސް ތިބީ "އާނއެކޭ" ބުނެފައެވެ.
އެހެން އެއްވެސް ސަބްމެރީނެއް ނަމަ، އެވަގުތު މިސައިލް ފޮނުވާލެވުނީހެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ރޫސީވިލާތަށް ނިއުކްލިއަރ ހަމަލާދީ، މުޅި ދުނިޔެ އަޅިއަށް ވެގެންދިޔައީހެވެ.
ނަމަވެސް ނަސީބު ދިމާކުރިގޮތުން، މުޅި ސަބްމެރީން ފްލީޓުގެ ކޮމޮޑޯ ވަސީލީ އާކިޕޯވް އެވަގުތު އެ ސަބްމެރީންގައި ހުއްޓެވެ. އޭނާ ހުރުމުން، ތިންވަނަ މީހެއްގެ ވޯޓު ބޭނުންވިއެވެ.
މުޅި ސަބްމެރީން ތެރޭގައި ބިރުވެރިކަން އޮތްއިރު، އާކިޕޯވް ހުރީ ވަރަށް މަޑުމައިތިރިކޮށެވެ. އޭނާ ހަމަލާ ދިނުމަށް އިންކާރު ކުރިއެވެ.
އާކިޕޯވް ކެޕްޓަނަށް ވިސްނައިދިނެވެ. އޭނާ ބުނީ އެމެރިކާއިން ދެނީ ސިގްނަލް ކަމަށާއި، އެއީ ހަމަލާއެއް ނޫން ކަމަށެވެ. އޭނާ ކެޕްޓަން ހަމައަކަށް އަޅުވައި، ސަބްމެރީން މައްޗަށް އެރުވުމަށް އެއްބަސްކުރުވިއެވެ. އެމެރިކާގެ މަނަވަރުތަކަށް މި ސަބްމެރީންގައި ނިއުކްލިއަރ ހަތިޔާރު ހުރިކަން އެނގުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ.
"ތިޔަ ސަބްމެރީނާއެކު އަޑިއަށް ދިޔަނަމަ މާ ރަނގަޅުވީސް"
ރޫސީވިލާތަށް އެނބުރި ދިއުމުން އާކިޕޯވްއަށް ލިބުނީ މަރުހަބާއެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންނަށް ކުރިމަތިލާން ޖެހުނީ މަލާމާތާއެވެ. އެޑްމިރަލްއަކު ފަޅުވެރިންނާ ދިމާލަށް ބުންޏެވެ: "ތިޔަ ސަބްމެރީނާއެކު އަޑިއަށް ދިޔަނަމަ މާ ރަނގަޅުވީސް."

އާކިޕޯވް އޭނާގެ ބާކީ އޮތް ހަޔާތް ހޭދަކުރީ އާދައިގެ ގޮތަކަށެވެ. އޭނާ މަރުވީ 1998 ގައެވެ. އޭނާގެ ވާހަކަ ދުނިޔެއަށް އެނގުނީ 2002 ވަނަ އަހަރު، ހަވާނާގައި ބޭއްވި ކޮންފަރެންސެއްގައެވެ. އެވަގުތު ނޭޝަނަލް ސެކިއުރިޓީ އާކައިވްގެ ޑައިރެކްޓަރު ތޯމަސް ބްލެންޓަން ވިދާޅުވިއެވެ:
"ވަސީލީ އާކިޕޯވް ކިޔާ މީހަކު ދުނިޔެ ސަލާމަތްކޮށްފިއެވެ."
އޭނާގެ އަނބިކަނބަލުން އޮލްގާ ވިދާޅުވި ގޮތުގައި، އާކިޕޯވް އަކީ އެ އާއިލާގެ މެންބަރުން "ބަލަދުވެރިޔާއެވެ " އެވެ. ނަމަވެސް އޭނާއަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ ބޮޑު ނިއުކުލިއަރ ހަމަލައަކުން ސަލާމަތްކުރި ބަތަލެއްކަން އެވަގުތު އޮލްގާއަކަށްވެސް ނޭނގެއެވެ.




