މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އާސަންދައިގެ ޚިދުމަތް މެދުކަނޑާލާފައި އޮތް އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި އެވެ.
އާސަންދަ ކުންފުނިން ބުނެފައި ވަނީ މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ޚިދުމަތް ދޭންފެށީ، އެ ހޮސްޕިޓަލުން ކުރިން ޚިދުމަތްތައް ދެމުން އައި އަގުތައް ކުޑަކުރުމުން އާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ ހުސްވި އަހަރުގެ ޖޫން 30 ވަނަ ދުވަހުން ފެށިގެންނެވެ.
އޭރު ސަރުކާރުން ބުނެފައި ވަނީ އެ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލަން ޖެހުނީ އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ ރޭޓުގެ އިތުރުންވެސް ފަރުވާ ހޯދާ މީހުންގެ އަތުން ފައިސާ ނަގާކަމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާތީ ކަމަށެވެ.
މަނިޕާލް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސްއުޅޭ މަޝްހޫރު ހޮސްޕިޓަލެކެވެ. ބެންގަލޫރުގައި ހުންނަ މި ހޮސްޕިޓަލުގެ އިތުރުންވެސް އިންޑިއާގެ އެކި ސިޓީތަކުގައި ހުންނަ 49 ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް މިހާރުވެސް ދިވެހިންނަށް ލިބެއެވެ.




