2026 ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު، ރާއްޖެ މިހާރު ތަހައްމަލު ކުރަމުންދަނީ ރާއްޖޭގެ މިޒަމާނުގެ އިގްތިސާދީ ތާރީހުގައި ކުރިމަތިވި އެންމެ ނާޒުކު މާލީ ދަނޑިވަޅެވެ. ބޭރުގެ ދަރަނި އަދާކުރުމަށް އޮތް ބޮޑު ތާވަލާ އެއްގޮތަށް އަމަލު ކުރުމަށް ކުރާ މަސައްކަތަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ހަރުދަނާކަމާއި ސިޔާސީ އިތުބާރު ވަޒަން ކުރެވިގެންދާނެ ވަރުގަދަ އިމްތިހާނެކެވެ.
ސަރުކާރުން މިއަހަރުގެ އިގްތިސާދީ އެޖެންޑާގައި އެންމެ އިސްކަމެއް ދީފައިވަނީ ދަރަނި އަދާކުރުމަށެވެ. ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ 2026 ވަނަ އަހަރުގެ އެންމެ މުހިންމު އަމާޒަކީ ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ދަރަނިތައް ގަޑިއަށް ދެއްކުން ކަމުގައި ސާފު ކޮށްދެއްވާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ބަޖެޓުން ކުރާ ހަރަދުތައް ކުޑަކޮށް، ތަރައްގީގެ މަޝްރޫއު ތަކަށް ކުރާ ހޭދަ އަލުން މުރާޖައާކޮށް، އަދި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ މިންވަރު ވަނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބައްޓަން ކޮށްފައެވެ. މި ހުރިހާ ފިޔަވަޅެއްގެ ބޭނުމަކީ، ރާއްޖޭގެ އިގްތިސާދު ހީނަރުވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ފަދަ "ސޮވެރިން ޑިފޯލްޓް" އަކުން ސަލާމަތްވުމެވެ.
މި ގޮންޖެހުމުގެ އެންމެ ބޮޑު އަސާސަކީ، އަންނަ އޭޕްރިލް މަހު މުއްދަތު ހަމަވާ ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ސުކޫކެވެ. މީގެ އިތުރުން ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އުފެދިފައިވާ ބޭރު ފައިސާގެ އެހެނިހެން ދަރަނިތައް ދެއްކުންވެސް މީގެތެރޭގައި ހިމެނެއެވެ. ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކާއި މާލީ އިދާރާ ތަކުން ވަނީ، މިއަހަރު ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ބޭރަށް ދައްކަންޖެހޭ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެގެންދާނެ އަހަރެކެވެ.
ދަރަނި އަދާކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަމާއި، އެކަމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ދާދިފަހުން އެޅި ފިޔަވަޅުތަކުން ހާމަވާކަމަށް ސަރުކާރުގެ ފާހަގަ ކުރައްވައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ ބޭރުގެ 100 މިލިއަން ޑޮލަރުގެ ލޯނެއް، އޭގެ އަސްލު ފައިސާއާއި އިންޓަރެސްޓާއެކު ތާވަލަށްވުރެ ކުރިން ދައްކައި ހަލާސްކޮށްފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި، އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަމުންވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދަރަނި އަދާކުރުމަށް ސަރުކާރުން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދު ކޮށްފައެވެ.
ބޭރު ފައިސާގެ ރިޒާވް ހުރި މިންވަރަށް މިހާރުވެސް ދަނީ ވަރަށް ގާތުން ފާރަވެރިވަމުންނެވެ. ރިޒާވްގައި ހުރި ޖުމްލަ ޢަދަދަކީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މިންވަރެއް ކަމަށް ފެނުނު ކަމުގައިވިޔަސް، ތެލާއި، ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާއަށް ބުރޫނާރާނޭހެން ބޭނުންކުރެވެން ހުރީ އޭގެތެރެއިން ވަރަށް މަދު މިންވަރެއްކަން އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. މި ހާލަތު ވަރުގަދަކުރުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ އުސޫލުތައް ސަރުކާރުން ވަނީ ހަރުދަނާކޮށްފައެވެ. މީގެ ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރުމެވެ.
"ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހުގެ ރަނގަޅު ނަތީޖާ އެބަ ފެންނަމުންދޭ. އެ އިސްލާހުގެ އަމާޒު ހާސިލު ވެއްޖެ. ޑޮލަރު މިހާރު އެބަލިބޭ. ދަރަނި ދައްކަން ބޭނުންވާ ވަރަށް އިތުރަށް މި އިސްލާހުގެ ސަބަބުން ބޭރު ފައިސާ ދައުލަތަށް ޖަމާވާނެ. މިހާރުވެސް 200 މިލިއަން ޑޮލަރަށްވުރެ ގިނައިން ޑޮލަރު އެބަހުރި. އަދި އޮންނާނެ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް. އެސްޑީއެފްފައިވެސް ވަރަށް ގިނަ އަދަދެއްގެ ޑޮލަރު ހުންނާނެ. އެހެންވީމާ ލޯނު ދެއްކޭނެ" ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ 500 މިލިއަން ޑޮލަރުގެ ދަރަނި ކީއްކުރަން ދެން ހުރި ދަރަނިތައްވެސް ތާވާލާ އެއްގޮތަށް ރާއްޖެއިން އަދާކުރާނެ"
ހަމައެއާއެކު، ދަރަނި އަދާކުރުމުގައި ކުރިމަތިވާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ ބާޒާރުތަކާއި ދޭދޭ ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މީގެތެރޭގައި އާ ބޮންޑު ނުވަތަ ސުކޫކް ދޫކުރުމާއި، ތަރައްގީގެ ބައިވެރިންގެ އަތުން ލޯނު ހޯދުމާއި، ދަރަނި ދައްކަންޖެހޭ އެންމެ ބާރުބޮޑު މުއްދަތުތަކުގައި ރިޒާވް ހަމަޖެއްސުމަށްޓަކައި 'ކަރަންސީ ސްވޮޕް' އެއްބަސްވުންތަކުގެ ބޭނުން ހިފުން ހިމެނެއެވެ.
ބޭރުގެ ގައުމުތަކާއެކު މުއާމަލާތްތައް މެދުނުކެނޑި ކުރިއަށްދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާންމުކޮށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މުހިންމު ބައިވެރިންގެ އެއްބާރުލުން އަދިވެސް ލިބެމުންދާ ކަމަށާއި، ދަރަނި އަދާކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ރައީސްގެ މަޝްވަރާތައް ވަރަށް ކާމިޔާބު. ހިލޭ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދާ ގާތަށް އެބަލިބޭ. ބައެއް ގައުމުތަކުން ރާއްޖޭގައި ހިލޭ މަޝްރޫއުތައް އެބަ ހިންގާ. އެކަމުގެ ސަބަބުން ޑޮލަރު ރާއްޖެއިން ބޭރުނުވެ އެބަ ސަލާމަތް ކުރެވޭ. މިސާލަކަށް ވިލިމާލެ ހޮސްޕިޓަލް. އެއީ ގާތްގަޑަކަށް 400 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު މަޝްރޫއެއް. އެ މަޝްރޫއުގެ ހުރިހާކަމެއް ހިލޭ އެ ކޮށްދެެނީ ޗައިނާ ސަރުކާރުން. އެހެންވީމާ ރާާއްޖެއަށް އެއްކަލަ 400 މިލިއަން ޑޮލަރު ބޭނުން ކުރެވޭނެ ދަރަނި ދެއްކުމަށް، ސްޓޭޑެންޓް ލޯނުގައި ކިޔަވާ ކުދިންނަށް ދޭން ނޫނީ ކާބޯތަކެއްޗާއި ތެލާއި ބޭސް އެތެރެކުރަން" އޮފިޝަލް ވިދާޅުވިއެވެ.
"ދަރަނި ދެއްކުމުގެ ކަންކަން މިދަނީ ވަރަށް ރޭވުންތެރިކަމާއެކު. ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ދަތިކަމެއް ނާންނާނެ ގޮތަކަށް"
ނަމަވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި، ކުރު މުއްދަތުގެ ފިޔަވަޅުތަކުގެ ސަބަބުން ވަގުތީ ހައްލެއް ލިބުނު ނަމަވެސް، ދަރަނި މެނޭޖުކުރުމާ ގުޅޭ ދިގު މުއްދަތުގެ ސާފު ސްޓްރެޖެޓީއެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. އަދި އިގްތިސާދީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް، ބޮޑެތި ދަރަނިތައް އަދާކުރުމަށް އަލުން ފައިސާ ހޯދުމަކީ، މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި އެކަން ކުރިމަގަށް ފަސްކޮށްލުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ބައެއް އިދިކޮޅު ފަރާތްތަކުން ދެކިވަޑައިގަންނަވައެވެ.
"މިސާލަކަށް 100 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމުގެ ބޭނުމުގައި އެހެން ގައުމަކުން ނޫނީ ކޮންމެވެސް ގޮތަކުން މި ހޯދަނީ 100 މިލިއަން ޑޮލަރު ނޫނީ އެއަށްވުރެ ބޮޑު އަދަދެއް. އޭރުންމިވާ ގޮތަކީ އެއް ދަރަނި ދައްކާ ނިމޭއިރު އަނެއް ދަރަނި މި އޮންނަނީ ބޯމަތީގައި. މީ ދެމެހެއްޓެނެވި ގޮތެއް ނޫން. އަބަދު އަބަދު މިގޮތަށް ރާއްޖެއަކަށް ފައިސާ ނުހޯދޭނެ" މިދިޔަ ސަރުކާރުގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް މި ކަންބޮޑުވުން ތަކަށް ތާއީދުކޮށް، ތަކުރާރުކޮށް އިންޒާރު ދެމުންދަނީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު މަތިވުމުގެ ސަބަބުން، ބޭރުގެ ނުރައްކާތަކަށް ރާއްޖޭގެ އިގްތިސާދު ހުށަހެޅިފައިވާ މިންވަރު ބޮޑުކަމަށެވެ. މީގެތެރޭގައި ދުނިޔޭގެ ބާޒާރުގެ އިންޓްރެސްޓް ރޭޓަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ހީނަރުކަން ހިމެނެއެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހުމުގެ ސަބަބުން، އިޖުތިމާއީ ކަންކަމަށް ކުރާ ހޭދައަށާއި އިގްތިސާދު ސިންދަފާތު ކުރުމަށް އޮތް ފުރުސަތުތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް ހަނިވަމުންނެވެ.
"އެންމެ ރަނގަޅު ގޮތަކީ ބޭކާރު މަޝްރޫއުތައް މަޑުޖައްސާލައި އިގްތިސޯދު ޑައިވާސިފައި ކުރުން" އޭނާ ވިދާޅުވިއެވެ.
މިއީ ދިވެހި ރައްޔިތުންނާ ސީދާ ގުޅުންހުރި ނާޒުކު މައްސަލައެކެވެ. ބޭރުގެ ދަރަނިތައް ދެއްކުމުގައި އޮމާންކަމާއެކު ކުރިއަށް ދެވިއްޖެނަމަ، އިގްތިސާދީ ހަމަޖެހުމާއި ބައިނަލްއަގުވާމީ އިތުބާރު ދެމެހެއްޓޭނެއެވެ. ނަމަވެސް، މިކަމުގައި ނުބައި ފިޔަވަޅެއް އެޅިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ފޯރުމުގެ ބިރު އެބައޮތެވެ. އޭގެ ތެރޭގައި ފައިސާގެ އަގު ހިފެހެއްޓުމާއި، ދައުލަތުގެ ހޭދަ އަދި ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.
އަހަރުގެ ދުވަސްތައް ފާއިތުވަމުން ގޮސް، ދަރަނި އަދާކުރަންޖެހޭ މުހިންމު ސުންގަޑިތައް ކައިރިވަމުން އަންނައިރު، ރާއްޖޭގެ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތަކީ ރާއްޖޭގައާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް މައުލޫއަށް ވާނެއެވެ.




