އިސްލާމީ އުއްމަތުގެ ދިފާއުގައި "އިސްލާމީ ނޭޓޯ" އެއް އުފެއްދުމަށް މަސައްކަތް ކުރަނީ

އިސްލާމީ އުއްމަތުގެ ދިފާއުގައި "އިސްލާމީ ނޭޓޯ" އެއް އުފެއްދުމަށް މަސައްކަތް ކުރަނީ

އިސްލާމީ އުއްމަތަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އިސްލާމީ ގައުމުތަކުގެ މެދުގައި ވަރުގަދަ އަސްކަރީ އިއްތިހާދެއް ނުވަތަ "އިސްލާމީ ނޭޓޯ" އެއް އުފެއްދުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގޮވާލައްވައިފިއެވެ.

އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް އުރުދުޣާން ދެއްވި ބަޔާނެއްގައި، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވޭނީ މުސްލިމް ގައުމުތައް ގުޅިގެން ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ތެދުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމީ ދުނިޔެއަށް ކުރިމަތިވާ ބޭރުގެ އުދުވާންތަކުން ދިފާއުވުމާއި މުސްލިމުންގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަކީ މިފަދަ އިއްތިހާދެއްގެ މައިގަނޑު ބޭނުންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތުރުކީން މި އިއްތިހާދު އުފެއްދުމަށްޓަކައި އިސްލާމީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވައި، ސައުދީ އަރަބިއްޔާ، މިސްރު އަދި ޕާކިސްތާން ފަދަ ނުފޫޒުގަދަ ގައުމުތަކުން މިކަމުގައި އިސްނެގުމަށް އުރުދުޣާން ވަނީ ބާރުއަޅުއްވާފައެވެ. އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އުއްމަތުގެ މަސްލަހަތަށްޓަކައި އެކަތިގަނޑަކަށް ވާންޖެހޭ ވަގުތު މިހާރު ވަނީ ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމީ ނޭޓޯއެއްގެ ވާހަކަ އުރުދުޣާން ދެއްކެވިއިރު، މިއީ މީގެ ކުރިންވެސް ބައެއް އިސްލާމީ ގައުމުތަކުން މަޝްވަރާކޮށްފައިވާ މައުޟޫއެކެވެ. ނަމަވެސް ފަހަކަށް އައިސް މެދުއިރުމަތީގެ މަސްރަހު ގޯސްވެ އިޒްރޭލުގެ އުދުވާންތައް އިތުރުވަމުން ދިއުމާ ގުޅިގެން މިފަދަ އިއްތިހާދެއްގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ތުރުކީގެ މި ގޮވާލުމަށް ބައެއް އިސްލާމީ ގައުމުތަކުން ތާއީދުކުރަމުންދާއިރު، މުޅި އިސްލާމީ އުއްމަތުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު މިކަން ދެކެއެވެ. މިފަދަ އިއްތިހާދެއް އުފެދިއްޖެނަމަ، ބައިނަލްއަގުވާމީ މަސްރަހުގައި އިސްލާމީ ގައުމުތަކުގެ ބަސްވިކޭ މިންވަރު އިތުރުވެ، މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *