ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، މާލެ / ގ. ހެޕީސައިޑް، މުހައްމަދު ނާއިޝް (43އ) އާއި، ޅ.ހިންނަވަރު / ހަނދާން، އިކްރާމް އަބްދުއްރަހްމާން (31އ) ގެ އިތުރުން އިތުރު ދެމީހެކެވެ. އެ ދެމީހުން ވަނަވަރު ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މާލެ / ގ. ހެޕީސައިޑް، މުހައްމަދު ނާއިޝް (43އ) އާއި، ޅ.ހިންނަވަރު / ހަނދާން، އިކްރާމް އަބްދުއްރަހްމާން (31އ) 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެ މީހުން، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ، ދޫކޮށްލާފައެވެ.




