އައިޑީކާޑު ޗެކް ނުކޮށް ސިނގިރޭޓް ވިއްކުން މަނާކުރަން މަޖިލީހަށް ހުށަހަޅަނީ

އައިޑީކާޑު ޗެކް ނުކޮށް ސިނގިރޭޓް ވިއްކުން މަނާކުރަން މަޖިލީހަށް ހުށަހަޅަނީ

މީހާގެ އުމުރާއި ކާކުކަން އަންގައިދޭ އައިޑީކާޑު ފަދަ ރަސްމީ ލިއުމެއް ބެލުމަށްފަހު، ގާނޫނު ހުއްދަ ކުރާ ފަރާތަަކަށް ނޫނީ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާފައިވާ މި ބިލުގައި، ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި މާއްދާއެއް އިތުރުކުރަން ވަނީ ހިމަނައިފައެވެ.

އެ މާއްދާގައި ބުނަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ތަނަކުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.

ގަންނަނީ ކާކުކަން ނޭނގޭ ގޮތަށް، ވެންޑިން މެޝިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލަންކޮށް އަދި އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނަކުންވެސް އެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެ ގަންނަ މީހަކީ، ދުންފަތުގެ ބާވަތްތައް ގަތުމަށް މިގާނޫނުން މަނާކޮށްފައިވާ ފަރާތެއް ނޫންކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.

"ދުންފަތުގެ ބާވަތް ގަންނަ ފަރާތަކީ އެފަދަ ފަރާތެއް ކަމަށް ބެލެވޭނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ، އެ ފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިއުމެއް ދެއްކުމަށް އަންގައި، އެ ލިއުން އެފަރާތުން ދެއްކުމަށްފަހު މެނުވީ ދުންފަތުގެ ބާވަތެއް ވިއްކައިގެންނުވާނެ،" ބިލުގައިވެއެވެ.

މި ބިލުގައި ޖެނުއަރީ އެކެއް 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށާއި އުމުރުން 21 އަހަރު ވެފައިނުވާ އެންމެނަށް ދުންފަތް ވަނީ މަނާކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *