ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު މިއަދު ފުރުނުއިރު ރައްޔިތުން ތިބީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއިގައި ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގައި ހަރުދަނާ ސިޔާސަތެއް އަދި އަމާޒެއް ނެތް ކަމަށެވެ.
"ޕީއެންސީ ސަރުކާރަށް އެއް އަހަރުވީއިރު ރައްޔިތުން ތިބީ ކަންބޮޑުވުމާ ހާސްކަމުގައި. ސަރުކާރުގެ އަމާޒެއް ނެތް. ސިޔާސަތެއް ނެތް. އުއްމީދެއް ނެތް" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުނުއިރު ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް ޝާހިދު ވިދާޅުވި އެވެ. މަސްވެރިންކުރާ ބުރަ މަސައްކަތައް ހައްގު ފައިސާ ދިނުން މި ސަރުކާރުން ލަސްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ވަނީ އަތްނުފޯރާ ފަށަށް އަރައިފައި ކަމަށާއި ދިރިއުޅުމުހެ ހަރަދުތައް އެތައް ގުނައަކުން މައްޗަށް ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ސަރުކާރުން ކަންތައްކުރަމުންދާ ގޮތުގެ ސަބަބުން ވަޒީފާގެ ރައްކާތެރިކަން ވެސް އަދި މިނިވަން ނޫސްވެރިކަމުގެ ހައްގު ވެސް ގެއްލެމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އަވަސް އަރުވާލައިގެން ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ރިސޯޓް ވިޔަފާރިވެރިން ދަނީ ފާޅުކުރަމުން ކަމަށެވެ.
ސަރުކާރެއް އޮންނަންވަނ ރައްޔިތުންނާއެކު ކަމަށާއި ރައްޔިތުންނަށްވުރެ މަތީގައި ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއީ ނާގާބިލު ސަރުކާރެއް ކަމަށާއި މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ކުރަންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.