ރާއްޖޭގައި އުފައްދާ ހަކުރު ހިމެނޭ ބުއިން ތަކުން ޓެކްސް ނެގުން ތައާރަފް ކުރަންޖެހޭ: ނާޒިމް

ރާއްޖޭގައި އުފައްދާ ހަކުރު ހިމެނޭ ބުއިން ތަކުން ޓެކްސް ނެގުން ތައާރަފް ކުރަންޖެހޭ: ނާޒިމް

ރާއްޖޭގައި އުފައްދާ ހަކުރު ހިމެނޭ ބުއިންތަކުން ޓެކްސް ނެގުން ތައާރަފް ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެެވެ.

ދުންފަތް މަނާކުރުމާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ދިވެހިންގެ ތެރެއިން ދޮށީ އުމުރުގެ މީހުން ސޭފްޓީ ނެޓެއްގެ ގޮތުގައި އާސަންދައަށް ބަރޯސާ ވަމުންދާއިރު، އޭގެތެރޭގައި ހަކުރު ހިމެނޭ އެނާރޖީ ޑްރިންކްސް ފަދަ އެއްޗެހި ބޮއިގެން ލިބޭ ގެއްލުންތައްވެސް ސިއްޙީ ގޮތުން ހޯދާ ފަރުވާގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދުންފަތް މަނާކުރުމުގެ ބިލުން 1 ބިލިޔަން ޑޮލަރުގެ އާންމުދަނީއެއް ދައުލަތަށް ލިބޭތަން ފެނުނުނަމަވެސް، އެއަށްވުރެ ބޮޑު ހޭދައެއް ސިއްޙީ ކަންކަމަށް ދައުލަތުން ކުރަމުން އަންނަ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު ހިމެނޭ އެނާރޖީ ޑްރިންކްސް ފަދަތަކެތި ބުއިމުގައި މުޅި އުމުރު ހޭދަކޮށްލުމަށްފަހު އެކަމާއި ގުޅިގެން ކުރިމަތިވާ ބަލިތަކަށް ގިނަބަޔަކު އާސަންދައިން ފަރުވާ ހޯދަމުންދާކަން ފާހަގަ ކުރެއްވިއެވެ.

"ދެން ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން އޮތް އަނެއް ވާހަކައަކީ ހަމައެކަނި އިމްޕޯޓް ޑިޔުޓީއަކުން މިކަމަށް އެއްވެސް ވަރަކަށް ޙައްލެއް ނާދެއޭ. ސަބަބަކީ މިހާރު ރާއްޖޭގައި އުފައްދާ ބުއިންތަކުން އިމްޕޯޓް ޑިޔުޓީއެއް ނުނެގޭނެ" ނާޒިމް ވިދާޅުވިއެވެ.

"މީގެކުރީގަ އެނާރޖީ ޑްރިންކްސް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅުގަނޑުމެން މި މަޖިލީހުން އިމްޕޯޓް ޑިޔުޓީ ބޮޑުކުރެވިފައިވޭ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެދެވޭ ގޮތެއްގައި ނުފެނުނީ ރާއްޖޭގައި އެނާރޖީ ޑްރިންކްސް އުފައްދަން ފެށީމަ. ކޮކާކޯލާ ކުންފުނިން އެނާރޖީ ޑްރިންކްސް ރާއްޖޭގައި އުފައްދަން ފެށުމުން އޭގެ ނަތީޖާއަކަށްވީ އިމްޕޯޓް ޑިޔުޓީ ބޮޑުކުރުމުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާންމުދަނީ ނުލިބުން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިމްޕޯޓް ކުރެވޭ އެނާރޖީ ޑްރިންކްސް ވިއްކާ އަގު މިހާރުވެސް ބޮޑު ކަމަށާއި، ނަމަވެސް ރާއްޖޭގައި އުފައްދާ އެނާރޖީ ޑްރިންކްސްގެ އަގު އިމްޕޯޓްކުރާ އެނާރޖީ ޑްރިންކްސްއާ އެއް އަގެއްގައި ވިއްކަމުންދާ ކަމަށެވެ. އޭގެސަބަބުން ރާއްޖޭގައި އެނާރޖީ ޑްރިންކްސް އުފައްދާ ފަރާތްތަކަށް ބޮޑުވެގެންވާ މަންފާއެއް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ސަބަބަބުތައް މިހެން ހުރުމުން އެފަދަ ތަކެތިން އިމްޕޯޓް ޑިޔުޓީ ނަގާ އުސޫލު ދޫކޮށްލުން ނުވަތަ ބޭރުގެ ބަޔެއް އެހެން ގައުމުތަކުގައި ޓެކްސްނަގާ އުސޫލުން އަމަލުކޮށްފިނަމަ، ރާއްޖޭގައި އުފައްދާ ކާބޯތަކެތިންވެސް ޓެކްސް ނެގިދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައިވެސް ހަކުރު އަޅައިގެން އެ ގައުމުތަކުގައި އުފައްދާ ތަކެތިން ޓެކްސް ނަގަމުން އަންނަ ކަމަށެވެ.

"ހަކުރުން ޓެކްސް ނެގުމަކީ ބޭރު ގައުމުތަކުގައި ކުރާކަމެއް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ހޯދުމަށްޓަކައި ހަމައެކަނި ދުންފަތުގެ ބާވަތްތަކަށް އެކަނި ފޯކަސް ކުރުމުގެ ބަދަލުގައި ހަކުރު ހިމެނޭ އެނާރޖީ ޑްރިންކްސް އިން ޓެކްސް ނެގުންވެސް ތައާރަފް ކުރަންޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *