ޔާމީނާ މެދުގައި ހިތްސާފު، އެ މަނިކުފާނު މިނިވަން ކުރެއްވުމަށް އެދި ރައީސް ސޯލިހަށް އަދޭސް ކުރިން: ރައީސް

ޔާމީނާ މެދުގައި ހިތްސާފު، އެ މަނިކުފާނު މިނިވަން ކުރެއްވުމަށް އެދި ރައީސް ސޯލިހަށް އަދޭސް ކުރިން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދުގައި އެއްވެސް ހިތްބުރަށް ކަމެއް ނެތް ކަމަށާއި ޔާމީން މިނިވަންކޮށް ދިނުމަށް އެދި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އާދޭސް ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ސަންގު ޓީވީއަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އަބަދުވެސް ހުންނެވި އެއްބޭފުޅަކީ އެ މަނިކުފާނެވެ. ކުރެއްވި މަސައްކަތެއް ކުރެއްވީ ޔާމީން ޖަލުން މިނިވަންކުރައްވައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ އެ މަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ، އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯނުގައި ހަމަގައިމު ވެސް ޑިލީޓް ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް،" ރައީސް ވިދާޅުވި އެވެ.

"ރޯދަމަހަށް ގެއަށް ގެނެސްދިނުމަށް، ދަރިފުޅުގެ އޯލެވެލް ކައިރިވަމުން އަންނާތީ، އޯލެވެލް އަށް އެޓްލީސްޓް ގެއަށް ގެނެސްދިނުމަށް އާދޭސްކޮށް، ތަކުރާރުކޮށް މެސެޖުކޮށް ހެދިން. އަދި ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިން."

މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޔާމީނަށް ފުރަތަމަ އިއްވި ޖަލު ހުކުމުން މިނިވަންވި ދުވަހަކީ ވެސް ވަރަށް ބޮޑު އުފަލެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ދުވަހެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އެމަނިކުފާނަކީ އިހުލާސްތެރިކަމާއެކު ޔާމީން މިނިވަންކުރުމަށް މަސައްކަތް ކުރެއްވި މީހަކަށްވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުގައި އެ ނޫން އެއްވެސް ވިސްނުމެއް ނެތް އެއްވެސް ކަހަލަ ހިޔާލެއް ވެސް ނެތް އެމަނިކުފާނު މިނިވަން ކުރުން ނޫން އެއްވެސް ކަމެއް." ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޔާމީން މިނިވަންކުރަން ގޮވާލެއްވުމަށް ކަމަށެވެ. އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ބަންދުވަންދެން، އެންމެ ފަހު ދުވަހު ވެސް ޔާމީން މިނިވަން ވެއްޖެ ނަމަ، އެ ޓިކެޓް އަނބުރާ ޔާމީނަށް ރައްދު ކުރައްވަން އެ މަނިކުފާނު ތައްޔާރަށް ހުންނެވިކަން އޭރު ޕީޕީއެމްގެ ސެނެޓުގައި ތިއްބެވި ބޭފުޅުން ހެކިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ޓިކެޓު ހަވާލު ކުރުމުގެ ކުރިން ސެނެޓްތެރޭގައި ( ދެންނެވިން، މިކަމަށް ހެކި ވަޑައިގަންނަވާނެ ހުރިހާ ސެނެޓަރުން ވެސް އިތުރުފުޅު ނުހައްދަވާ ނަމަ، އެންމެ ފަހު ދުވަހު ވެސް އެމަނިކުފާނު މިނިވަންވެއްޖެއްޔާ އަޅުގަނޑުގެ ކެންޑިޑޭޓަކީ ޔާމީންއޭ އަޅުގަނޑު ބޭނުމެއް ނޫނޭ އެމަނިކުފާނުގެ ހައްގެއް، އެމަނިކުފާނޭ ލީޑް ކުރައްވަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުން ދިޔަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ފުރަތަމަ ވެސް ގޮވާލެއްވީ އެމަނިކުފާނު ގެއަށް ބަދަލުކޮށް ޖަލު ހުކުމުން މިނިވަންކޮށް ދިނުމަށް ކަމަށެވެ.

"އޭރު ވެސް މިއަދު ވެސް އަދި މާދަމާ ވެސް އަޅުގަނޑުގެ ހިތުގައި އެ މަނިކުފާނަށް އޮންނާނީ ގަދަރު. އަބަދު ވެސް އޮންނާނީ ގަދަރު" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޔާމީން ޖަލުގައި ބޭއްވުމަށް މަސައްކަތްކުރައްވާ ކަމަށް ކުރައްވާ ތުހުމަތުތަކާއި ގުޅިގެން ހައިރާންވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނަކީ ޔާމީންގެ މައްޗަށް މިދިޔަ ސަރުކާރުގައި ޝަރީއަތްތައް ކުރަން ފެށީއްސުރެ ދިފާއުގައި އެންމެ ކައިރީގައި ހުންނެވި އެކަކުން ތަކުރާރުކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި ޕީޕީއެމް/ޕީއެންސީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނުމަަ ޔާމީން އަދިވެސް ހުންނަވާނީ ޖަލުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ޔާމީން މިނިވަންވެޑައިގެން އެ ހުންނެވީ މި ސަރުކާރުން ޖުޑިޝަރީއަށް އަތް ނުބާނާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *