ރަޝިޔާއާއި ގުޅުވައިގެން މައުމޫން ކުރެއްވި ޕޯސްޓަށް އެ ގައުމުގެ ސަފީރުގެ ނުރުހުން

ރަޝިޔާއާއި ގުޅުވައިގެން މައުމޫން ކުރެއްވި ޕޯސްޓަށް އެ ގައުމުގެ ސަފީރުގެ ނުރުހުން

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓަށް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ނުރުހުން ފާޅު ކުރައްވައިފިއެވެ.

މައުމޫން އެކްސްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ބީބީސީއާ ހަވާލާ ދެއްވައި ވިދާޅުވެފަ އިވަނީ، މިދިޔަ ދެ ރޭގައިވެސް، ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި ނަމަވެސް އދ. އިން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށެވެ.

"އދ.ގެ ސަލާމަތީ މަޖިލީސް އަދިވެސް އެބައޮތް ހެއްޔެވެ؟" މައުމޫނު ސުވާލު އުފައްދަވާފައިވެއެވެ.

ރައީސް މައުމޫންގެ އެ ޕޯސްޓަށް ރައްދު ދެއްވައި ރަޝިޔާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ޔޫކްރޭންއާއި ރަޝިއާއާއި ދެމެދު އަސްކަރީ ހަރަކާތްތައް ފަށަން ޖެހުނު ސަބަބު މައުމޫނަށް ހަނދާން ކޮށްދެއްވައިފައެވެ. އެގޮތުން ޔޫކްރެއިންގެ ރައީސްގެ ސަބަބުން އެ ގައުމުގެ ޑޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށާއި ނަމަވެސް އެކަމާ މައުމޫން ކަންބޮޑުވެ ވަޑައިނުގަންނަވަނީ ކީއްވެތޯ ސަފީރު ސުވާލު އުފެއްދެވިއެވެ.

ސަފީރު ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރަޝިޔާއިން އިސްވެ ވަނީ ސުލްހަ ގާއިމު ކުރުމަށް ހުށަހަޅައިފައި ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަން ޔޫކްރޭނަށް ހިތްވަރު ދެނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ކަމަށެވެ.

"ހުޅަނގުގެ ގައުމު ތަކުން ގެންގުޅޭ ތަފާތު ކުރުމުގެ ސަގާފަތަށް ތާއީދު ނުކުރަން އަޅުގަނޑު މައުމޫނަށް ގޮވާލަން. އޭގެ ބަދަލުގައި އެންމެ ގައުމެއްގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ކަމަށް ނިމުމެއް ގެންނަން އދ. ގެ ސަލާމަތީ މަޖިލީހުގެ ނުކުޅެދިފައިވާކަމާ މެދު ކަންބޮޑުވުން ފާޅު ކުރެއްވުމަށް މައުމޫނަށް ގޮވާލަން" ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ދިފާއުގައި ރާއްޖޭން ކުރަމުން އަންނަ ކަންތައްތައް ރަޝީއާއިން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *