ކުރީގެ ފްލެޓު ތަކުން 6 ޓަވަރު އޮކްޓޫބަރު މަހު ނިމޭނެ، އެހާތަނަށް ފައިނަލް ލިސްޓު ނެރޭނަން: މިނިސްޓަރު

ކުރީގެ ފްލެޓު ތަކުން 6 ޓަވަރު އޮކްޓޫބަރު މަހު ނިމޭނެ، އެހާތަނަށް ފައިނަލް ލިސްޓު ނެރޭނަން: މިނިސްޓަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓް އިމާރާތް ތަކުގެ ތެރެއިން 6 ޓަވަރުގެ މަސައްކަތް ނިމޭނީ އަންނަ އޮކްޓުބަރު މަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، އެ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓު ކުރި އެންމެހާ ފަރާތްތަކާއި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާތިލު ނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭގޮތުން، މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެހިސާބަށް އެތަންތަނަށް ފެނާއި ކަރަން ލެވޭނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެހާތަނަށް ފައިނަލް ލިސްޓެއް ނެރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. މިފަހަރު ފްލެޓް ލިބޭނެ މީހުން ކަނޑަ އަޅާނީ، މިހާތަނަށް އެ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ވިހިހާހަށްވުރެން ގިނަ މީހުންގެ ޝަރުތު ފުރިހަމަ ވޭތޯ ވަކިވަކިން ޔަގީން ކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެކަން ކުރާނީ މިނިސްޓްރީގެ ކަމާބެހޭ ކޮމިޓީއަކުން ކަމަށާއި، ފްލެޓް ކޮމިޓީ އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ދެއްވާނީ ކަމާބެހޭ ޚިޔާލު ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މި މައްސަލައަކީ މާލޭ ރައްޔިތުންނާ ގުޅުން ހުރި ކަމަކަށްވާތީ، މާލޭ ސިޓީ ކައުންސިލުން ނިންމަންޖެހޭ ކަންތައްތައް ނިންމަށް އެ ކައުންސިލަށް ދެންނެވުމުން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އަކުން މައްސަލަ ނިންމައީ، ސިޓީ ކައުންސިލްގެ ހިޔާލު މިހާރު ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓް މައްސަލަތައް އޭސީސީން ބެލި ނަމަވެސް، ފްލެޓް ލިބޭ ޝަރުތު ހަމަވާ މީހުންގެ ލިސްޓު އެކުލަވާލުމަކީ އޭސީސީގެ މައްސޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ޤާނޫނުން ހައުސިން މިނިސްޓްރީއަށް ލިބޭ ބާރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ޝައްކެއް ނެތް މިންވަރަށް ޝަރުތު ފުރިހަމަވާ މީހުން ޔަގީން ކުރުމުގެ މަސައްކަތް ކަަމަށާއި، އެއަށްފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމު ކުރާއިރު، ލިސްޓުގައި ހިމެނޭ މީހުންގެ މައުލޫމާތު އާއްމު ކުރެވެން އޮތް މިންވަރު އާއްމު ކުރައްވާނެ ކަމަށާއި، ނަމަވެސް އެމީހުންގެ ޒާތީ މައުލޫމާތުގެ ގޮތުގައި ހިމެނޭ ބައެއް ކަންކަން އުނި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެެ.

މިނިސްޓަރު ވިދާޅުވީ، ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަކަށް ބައްލަވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ ރަސްމީކޮށް ލިބެން ހުރި މައުލޫމާތު ތަކަށް ބައްލަވައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *