ޗައިނާއަށް ވަޑައިގެންފައިވާތީ، އާ ގަވަރުނަރަކަށް ފޮނުއްވި މުނައްވަރާ މިއަދު އިންޓަވިއުއެއް ނުކުރެވުނު

ޗައިނާއަށް ވަޑައިގެންފައިވާތީ، އާ ގަވަރުނަރަކަށް ފޮނުއްވި މުނައްވަރާ މިއަދު އިންޓަވިއުއެއް ނުކުރެވުނު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، އަހުމަދު މުނައްވަރު، މިވަގުތު ޗައިނާއަށް ވަޑައިގެން ހުންނެވުމުން، އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އޭނާ އާ އިންޓަވިއު ކުރެވޭގޮތެއް ނުވިއެވެ.

މުނައްވަރަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން، މަޖިލިސް ރައީސް ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފައެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އިންޓަވިއުކުރަން ބެއްލެވީރު މުނައްވަރު ހުންނެވީ ރާއްޖޭން ބޭރުގައި، ޗައިނާގައި ކަމަށެވެ. އެތަނުގައި ހުންނަވަނިކޮށް ފޯނުންވެސް އެކަންތައް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ނަމަވެސް ގާސިމް ވިދާޅުވީ، މުނައްވަރުގެ ނަން ދިރާސާކުރަން ބޭނުންވާ އެހެން މައުލޫމާތުތައް، ބޭންކުތަކާއި، އެމްއެމްއޭގެ އިތުރުން އަދިވެސް ކަމާބެހޭ ދާއިރާއިން ހޯދުމަށް ސިޓީ ފޮނުވިފައި ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ ނަން ދިރާސާކުރުމަށް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ނިންމައި، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ. މުނައްވަރުގެ އިތުރުން ރައީސްމުއިއްޒުގެ ތިން ވަޒީރަކު ތިއްބެވީ ޗައިނާގައެވެ. އެއީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *