ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް އެސްޓީއޯއިން ވިއްކަން ފަށައިފި

ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް އެސްޓީއޯއިން ވިއްކަން ފަށައިފި

ރާއްޖެއަށް މުޅިން އަލަށް ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް އެތެރެކޮށް ވިއްކަން ފަށައިފި އެވެ.
ސަރުކާރުގެ ބަލްކް ޕްރޮކިޔުމެންޓު ސިޔާސަތު ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އެންސްޕާ އާއި އާސަންދަ ގެ އިތުރުން އެސްޓީއޯ އާއި އެމްއެފްޑީއޭ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަލްކު ޕްރޮކިޔުމެންޓުގެ ދަށުން ބޭސް ގެންނަން ފެށުމާ އެކު ރާއްޖެ އަށް ބޭނުންވާ ހުރިހާ އަސާސީ ބޭހެއް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
އަދި ބުނީ ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެސްޓީއޯއިން މިއަދުން ފެށިގެން ވިއްކަން ފަށައިފައިވާ ކަމަށެވެ.

ބަލްކް ޕްރޮކިޔުމެންޓު ސިޔާސަތުގެ ދަށުން ހުއްދަ ދީފައިވާނީ އަދި ކުރިއަށް އޮތްތަނުގައި ހުއްދަ ދޭނީ ޑަބްލިއުއެޗްއޯގެ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓު ރެގިޔުލޭޓަރީ އޮތޯރިޓީގައި ރެޖިސްޓްރީކޮށް ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތޭ ބޭސްތަކަށް އެކަނި ކަމަށް ސަރުކާރުން ބުންޏެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި ބޭނުންކުރެވޭނީ ޔޫރަޕުގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވޭ ބޭސް އެކަންޏެވެ." ސަރުކާރުން ބުންޏެވެ.

އެ ސިޔާސަތު މިއަދު ތަންފީޒު ކުރަން ފަށާފައިވާއިރު ސިޔާސަތު އެއްކޮށް ތަންފީޒުކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން:

– މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ފުރަތަމަ ތައާރަފު ކުރެވޭ 7 ބޭސް ލިބޭނެ

– އާސަންދަ ހިމެނޭހެން ގުޅުން ހުރި ހުރިހާ ނިޒާމަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ

– މި ބަދަލުތަކާ ބެހޭ މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދީފައިވޭ. ބަދަލަށް އަހުލުވެރިވުމަށް ވަގުތުދީ އެއަށް އަމަލު ކުރާނީ އޮކްޓޯބަރުން ފެށިގެން

ސަރުކާރުން ބުނީ، އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ބޭސް ރާއްޖޭން ލިބޭނެ ކަމަށެވެ. އަދި އާސަންދަ އިން ފުލް ކަވަރޭޖު ލިބޭނެ ކަމަށާއި އާސަންދަ ނިޒާމުގައި ހުރި ލީކޭޖުތައް ހުއްޓުވި ބޭހުގެ އަގު ކޮންޓްރޯލު ކުރެވިގެން ވެސް ދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *