ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު 10 ރުފިޔާ އާއި 15 ރުފިޔާ ނެގޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގެ ޓެކްސީގެ އަގުތައް އަލުން އިއުލާނު ކޮށްފައެވެ. އިއުލާނުގައިވާ ގޮތުން އާ އަގުތަކަށް އަމަލު ކުރާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައިވާ ގޮތުން 6 ސީޓު ހުންނަ ކާރުތަކަަށް ޑޮމެސްޓިކް ޓާމިނަލަށް ދިއުމަށް އިތުރަށް ނެގޭނީ 10ރ. އެވެ. އަދި 7-10 ސީޓު ހުންނަ ވޭން ތަކަށް ޑޮމެސްޓިކް ޓާމިނަލަށް ދިއުމަށް އިތުރަށް 15ރ. ނެގޭނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ޓެކްސީއަށް އަރުވާ ލަގެޖުގެ އަދަދު 3 އަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގޭގޮތަށްވެސް ގަވައިދަށް ވަނީ ބަދަލު ގެނެސްފައެވެ.
ޑޮމެސްޓިކް ޓާމިނަލަށް 10 ރުފިޔާ އާއި 15 ރުފިޔާގެ އިތުރު ޗާޖެއް ނެގޭގޮތަށާއި، 3 ލަގެޖަށްވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ އިތުރަށް ނެގޭގޮތަށް ގަވައިދަށް ބަދަލު ގެނައި ނަމަވެސް، ޓެކްސީ ތަކުގެ އާންމު އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ. އާންމު އަގުތައް ހުރީ ހަމަ ކުރިންވެސް ހުރި ރޭޓުގައެވެ.
6 ސީޓަށް ވުރެ މަދު އުޅަނދުގައި ދަތުރު ކުރެވޭނެ އަގު:
– މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރަކަށް – 30 ރުފިޔާ
– މާލެ އިން ހުޅުމާލެ 1 އަށް – 85 ރުފިޔާ
– މާލެ އިން ހުޅުމާލެ 2 އަށް – 100 ރުފިޔާ
– ހުޅުމާލެ 1 އިން މާލެ އަށް – 85 ރުފިޔާ
– ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް – 40 ރުފިޔާ
– ހުޅުމާލެ 2 އިން މާލެ އަށް – 100 ރުފިޔާ
– ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް – 40 ރުފިޔާ
– ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް 80 ރުފިޔާ
– ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް – 85 ރުފިޔާ
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80 ރުފިޔާ
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް 85 ރުފިޔާ
– މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 70 ރުފިޔާ
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70 ރުފިޔާ
6 ސީޓަށް ވުރެ މަދު އުޅަނދު ތަކުގައި ދަތުރު ކުރެވޭނެ އަގުތައް މިއަދު ކަނޑައެޅީ މާލެ އިން ނުވަތަ ހުޅުމާލެ އިން ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރަކަށް، އެ ތަނަށް ކުރާ އާންމު ދަތުރެއްގެ އަގުގެ އިތުރަށް 10 ރުފިޔާ ނެގޭ ގޮތަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީގެ ޚިދުމަތް ދޭ މީހުންނާއި އެ ޚިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ވެސް ބެލުމަށްފަހު ކަމަށެވެ.
7-10 ސީޓާ ދެމެދުގެ އުޅަނދުގައި ދަތުރު ކުރެވޭނެ އަގު:
– މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރަކަށް – 45 ރުފިޔާ
– މާލެ އިން ހުޅުމާލެ 1 އަށް – 130 ރުފިޔާ
– މާލެ އިން ހުޅުމާލެ 2 އަށް – 155 ރުފިޔާ
– ހުޅުމާލެ 1 އިން މާލެ އަށް – 130 ރުފިޔާ
– ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް – 60 ރުފިޔާ
– ހުޅުމާލެ 2 އިން މާލެ އަށް – 155 ރުފިޔާ
– ހުޅުމާލޭ 2 އިން ހުޅުމާލެ 1 އަށް – 60 ރުފިޔާ
– ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 125 ރުފިޔާ
– ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް – 130 ރުފިޔާ
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް – 125 ރުފިޔާ
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް – 130 ރުފިޔާ
– މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 110 ރުފިޔާ
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް – 110 ރުފިޔާ
ޓްރާންސްޕޯޓް މިނިސްޓްރީން 7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި ދަތުރު ކުރެވޭނެ އަގުތައް މިއަދު ކަނޑައެޅީ މާލެ އިން ނުވަތަ ހުޅުމާލެ އިން ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރަކަށް، އެ ތަނަށް ކުރާ އާންމު ދަތުރެއްގެ އަގުގެ އިތުރަށް 15 ރުފިޔާ ނެގޭ ގޮތަށެވެ.
އަދި 7-10 ސީޓާ ދެމެދުގެ އުޅަނދަކަށް އަރުވާ ލަގެޖުގެ އަދަދު ތިނަކަށް ވުރެ އިތުރު ވެއްޖެނަމަ އިތުރަށް އަރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގޭ ގޮތަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ދަތުރު ކުރޭތޯ ބަލަމުންދާނެ ކަމަށެވެ.