ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފި

ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފި

ގާހުދުވުމާއި (ކޮރަލް ބްލީޗިން) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފިއެވެ.

އީޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނީ މި ދުވަސް ވަރަކީ ކަނޑު ތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރު ތަކުން ގާ ހުދުވަމުންދާ ދުވަސްވަރެއް ކަމަށެވެ.

ރާއްޖޭގެ ފަރު ތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، އެފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

މިފަދަ ދުވަސް ވަރެއްގައި ހިންގާ ހަރަކާތް ތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އީޕީއޭއިން ބުނެއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ފަޅު ފުން ކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކް އަދި ބީޗް ނަރިޝްމަންޓް މަސައްކަތް ތަކަކީ ފަރު ތަކުގެ މާހައުލަށް ނޭދެވޭ އަސަރު ތަކެއް ކުރަމުންދާ ކަންކަމަށް އީޕީއޭއިން ބުނެއެވެ.

"ދުނިޔޭގެ ކަނޑު ތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑު ތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރު ތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި، ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ 'ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސާވިސް' ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1″ ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މައުލޫމާތު ދަނީ ލިބެމުން" އީޕީއޭއިން ބުނެފައިވެެއެވެ.

ރާއްޖޭގެ ސަރަހައްދު "އެލާރޓް ލެވަލް 1″ ގައި އޮތުމުންނާއި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުން ދާތީ މިއަދުން ފެށިގެން 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅު ތަކެއް އެޅުމަށް ވަނީ ނިންމައިފައި ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

1- ތަރައްގީގެ މަޝްރޫއު ތަކުގެ ތެރެއިން ފަރު ތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ ތިރީގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް އީ.އައި.އޭ އާއި ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުއްދައިގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން.

2- ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުން ކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން.

3- މިހާރު ހިނގަމުންދާ މަޝްރޫއު ތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަން ތަކުގެ ތެރެއިން 1.1 ގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތް ތަކުގެ ތާވަލް މުރާޖައާ ކުރުން.

ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅި ލާމެހިފައި ވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާ ތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއްކޮށް ރާއްޖޭގެ ފަރުތަކުގެ ދަމަހައްޓަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަންވެސް ފަރުތަކުގެ މައްޗަށް ބަރޯސާވާއިރު، އެ ސިނާއަތަށް ކޮށްފާނެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް ފަރުތަށް ރަނގަޅު ގޮތެއްގައި ދަމަހައްޓަންޖެހޭ ކަމަށް އީޕީއޭން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *