ކަސްޓަމްސްއަށް ލިބެންޖެހޭ 461 މިލިޔަން ރުފިޔާ ނުލިބޭ!

ކަސްޓަމްސްއަށް ލިބެންޖެހޭ 461 މިލިޔަން ރުފިޔާ ނުލިބޭ!

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2023ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 461 މިލިޔަން ރުފިޔާ ނުލިބި ހުރިކަމަށް އެ މުއައްސަސާގެ އޮޑިޓުން ދައްކައިފިއެވެ.

މިއީ، 2023ވަނަ އަހަރުގެ ކަސްޓަމްސް ސަރވިސްގެ މާލީ ބަޔާންތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އޮޑިޓެކެވެ. މި އޮޑިޓުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދިގު މުއްދަތަކަށް ނުލިބި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރަވިސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކާ ގޮތުގައި ކަސްޓަމްސްއަށް ލިބެންވާ ފައިސާ ހޯދުމަށް ވަގުތީގޮތުން ޚިދުމަތް ކަނޑާލުމުގައި އަމަލުކުރާނެ އުސޫލާ އެއްގޮތަށް ފިޔަވަޅު އެޅި ނަމަވެސް 31 ޑިސެމްބަރ 2023ގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ 461،016،716 ރުފިޔާ ނުލިބެއެވެ. މި އޮޑިޓު ހެދުމަށް 2025ވަނަ އަހަރުގެ މެއި މަހު މައުލޫމާތު އެއްކުރިއިރު އޭގެ ތެރެއިން ލިބިފައިވަނީ 10،164،272 ރުފިޔާ ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. އެއީ، 435.8 މިލިޔަން ރުފިޔާއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 21.1 މިލިޔަން ރުފިޔާއާއި ރެވެނިއު ފީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިޔަން ރުފިޔާއާއި ރޯޔަލްޓީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިޔަން ރުފިޔާއާއި ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ ފީތަކުން ލިބެންޖެހޭ 92،203 ރުފިޔާވެސް ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 162.9 މިލިޔަން ރުފިޔާއަކީ، ކޯޓުން އެ އިދާރާއަށް ދެއްކުމަށް އެކި ފަރާތްތަކަށް ހުކުމްކޮށްފައިވާ ފައިސާއެވެ.

އޮޑިޓް އޮފީހުން ވިދާޅުވީ، ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ނުލިބި ހުރި ފައިސާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023ވަނަ އަހަރު ނިމުނުއިރު، ނުލިބި ހުރި ފައިސާގެ ތެރެއިން 135 މިލިޔަން ރުފިޔާ ނުލިބި 3 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ވީހާވެސް އަވަހަށް މި ފައިސާ ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ، ކަސްޓަމްސްއަށް ލަފާ އަރުވާފައެވެ. އެގޮތުން ކަސްޓަމްސްގެ އުސޫލާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން އަޅަމުން ދިއުމަށާއި އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ލަފާއަރުވާފައެވެ.

އަދި ފައިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޤަވާއިދުތަކާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *