ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދީފައިވަނީ ރައީސް ވައުދުވި ގޮތަކަށް ނޫން: ހީނާ

ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދީފައިވަނީ ރައީސް ވައުދުވި ގޮތަކަށް ނޫން: ހީނާ

ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓު ދީފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރޯދަ މަހު ކަރަންޓު ބިލު ތަކަށް ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު މި އަހަރުގެ މާޗު މަހުގެ 4 ވަނަ ދުވަހު ބ. އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ އާންމުކޮށް ކޮންމެ އަހަރެއްގެ ރޯދަ މަހު ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މި އަހަރުގެ ރޯދަ މަހުގައި އެހެން ނުވާނެ ކަމަށެވެ.

"އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ." ރައީސްވިދާޅު ވެފައިވެއެވެ.

ކަރަންޓާއި ފެނުގެ ލޯޑު ކިތަންމެ ބޮޑުވިޔަސް ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ، ވައުދުފުޅާ އެއްގޮތަށް މިދިޔަ ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ‪ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން  މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާ ހަމަކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެން ދާނެ." ފަހުމީ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެންމެ ފަހުން ބިލް ކުރެވުނު އެޕްރީލް މަހުގެ ބިލް ތަކުގައި ރަމަޟާން މަހުން ބައެއް ހިމަނާފައިވާ ކަމަށެވެ.

"ކަރަންޓު ބޭނުން ކުރުން އިންތިހާއަށް އިތުރު ވުމުގެ ސަބަބުން ބޮޑުވެފައިވާ ކަރަންޓު ބިލަށް ލުއި ދިނުމުގެ ގޮތުން މާޗު މަހުގެ ބިލަށްވުރެ ބޮޑުނުވާނެ ގޮތަށް އަލުން ބިލް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން" މުއާޒު ވިދާޅުވިއެވެ.

އެފަހުން ހީނާ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިންނާއި ފެނަކައިން، ރޯދަ މަހުގެ ބިލު ތަކަށް ޑިސްކައުންޓް ދީފައި ވަނީ ރައީސް މުއިއްޒުގެ ވައުދުފުޅުވެވަޑައިގެންނެވި ގޮތަކަށް ނޫން ކަމަށެވެ.

ނިމިދިޔަ މާޗް މަހުގެ ބިލު ލިބެން ފެށުމާއެކު، ބިލްތައް ތިން ގުނަ، ހަތަރު ގުނަ ބޮޑުވެފައިވާ ކަމަށް ބުނެ ގިނަބަޔަކު ވަނީ ފާޑު ކިޔާފައެވެ. ނަމަވެސް ސްޓެލްކޯއިން ބުނެފައި ވަނީ ޑިސްކައުންޓު ދީފައި ވަނީ ރޯދަ މަހު ލިބުނު ބިލަށް ކަމަށާއި ބިލުތައް ތައްޔާރުކޮށްފައި ހުރީ ރަނގަޅަަށް ކަމަށެވެ.

ރޯދަ މަހު ގިނަ ގޭބީސީ ތަކަށް ލިބުނު ބިލުގައި ރީޑިން ނަގާފައި ވަނީ ފެބްރުއަރީ މަހު މެދުތެރެއިން މާޗު މަހު މެދު ތެރެއަށް ކަމަށްވުމުން ބައެއް ގޭބިސީ ތަކަށް ރޯދަ މަހުގެ ބޮޑު ބައި އޮތީ ކަވަރު ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *