ރައްޔިތުންނަށް ލިބިފައިވާ އިންތިޚާބީ ހައްގު ވިހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމަވާލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފައެވެ.
މިއަދު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު 8:40 އެހާކަންހާއިރު ވޯޓުލުމަށް ވަޑައިގެން، ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ވޯޓުލުމަކީ ޤާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށާއި ޒިންމާއެއް ކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންވެސް ނިކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"ކޮންމެހެން ހަވީރު ވަންދެން މަޑު ނުކުރައްވާ، އެބޭފުޅަކު ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓުލެއްވުމަކީ އެ ބޭފުޅެއްގެ ހައްގެއް، އަޅުގަނޑު އެކަމަށް އިލްތިމާސް ކުރަން." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަކަށެވެ.