ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ސަރުކާރުން ފާޅުގައި ވަޒީފާގެ ބިރު ދައްކަމުންދާ މައްސަލައިގައި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ސުވާލެއް ކުރިމަތި ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައްތަކާބެހޭ ގޮތުން އީސީއަށް ލަފާދޭ ކޮމިޓީ، "ގައުމީ ލަފާދޭ ކޮމިޓީ" ގެ މިއަދުގެ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ވާހަކަ ދެއްކެވި މޫމިނާ ވިދާޅުވީ، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަޒީފާގެ ބިރު ދައްކަމުން ދާތަން ފެންނަ ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ކެމްޕޭނުގައި އެންޓި ކެމްޕެއިން ކުރަމުންދާ ކަަމަށާއި، އެފަދަ ފަރާތް ތަކަށް ފިޔަަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އީސީން އިއްޔެ ނެރުނު ނޫސް ބަޔާނުގައި، ވަޒީފާގެ ބިރު ދެއްކުމާބެހޭގޮތުން އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން މޫމިނާ އީސީއާ މިއަދު ސުވާލު ކުރެއްވީ، ވަޒީފާގެ ބިރު ދައްކަމުން ދާކަން އެނގޭއިރު އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން ޕްލޭން ކޮށްފައިވޭތޯއެވެ. ނަމަވެސް އެ ބައްދަލުވުމުގައި ތިއްބެވި އީސީގެ ރައީސް އާއި މެންބަރުންވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ބައެއް ފަރާތްތަލުން އެންޓި ކެމްޕޭން ކުރަމުން ދާކަން ފާހަގަކޮށް އީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުން ކޮށްގެން ނުވާނެ ކަމަށް ކަމާބެހޭ ޤާނޫނު ތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް މަޖިލިސް އިންތިޚާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެންޓި ކެމްޕޭންގެ އަމަލުތައް ފެންނަމުން ދާކަން ފާހަގަ ކުރެވޭކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާރ ތަކުގައި ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުން ގެންދާކަން ފާގަވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ވީމާ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އިންތިޚާބުތަކާބެހޭ އާއްމު ޤަވައިދުގައި ބަޔާންކުރާ މިންގަނޑަށް ތަބާވުމަށް ހުރިހާ ފަރާތްތަކަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެނޫން ގޮތަކަށް ކަންތައްކުރާ ފަރާތްތަަކަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އީސީން ވަނީ އިންޒާރު ދީފައެވެ.