އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުން ތަކުގެ ސަބަބުން ފަސް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ، އިއްޔެގެ ވިއްސާރައިގައި އުޅެން ދަތިވާ ވަރަށް ފާހަގަ ކުރެވުނު ނުވަ ގެއެއްގެ ތެރެއިން ފަސް ގެއެއްގެ 34 ފަރާތަތް ބަދަލު ކުރުމަށް ނިންމައި އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދެމުންދާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން އެ ފަސް ގޭގައި ދިރިއުޅެން ދަތި ވާވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާޚާނާ ކުރުމަށް ބުރޫ އަރައި ނަޖިސް ލީކުވެފައިވާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
އެ ފަރާތް ތަކަށް ވަގުތީ ބޯހިޔާވަހި ކަމާއެކު ކެއިންބުއިން ހަމަޖައްސައިދީ، މިއަދަކީ ސްކޫލް ތަކުގެ އިމްތިހާން ފެށޭ ދުވަހަށް ވާތީ، ބޯހިޔާވަހިކަން ދިން ފަރާތް ތަކުގެ ސްކޫލް ދަރިވަރުންނަށް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުން ދާކަމަށްވެސް ވަނީ ބުނެފައެވެ.