އެމްޑީޕީގެ ކުރިޔަށް އޮތް ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާނެކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަަށާއި، އެހެންނަމަވެސް އެމްޑީޕީ ބައިބައިވެގެން ހިގައްޖެނަމަ ރިޔާސީ އިންތިޚާބުގައި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނޭކަމަށް ގަބޫލު ކުރައްވާކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ކުރިޔަށްދާ ޕްރައިމަރީއަށްފަހު ޕާޓީ އެއްގަލަކަށް އަރާނޭކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އެކަތިގަޑެއްގައި އޮވެއްޖެނަމަ، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ވަރަށްވެސް ބޮޑުތަކުން ފަސޭހަވެގެން ދާނެކަމުގައެވެ. އެހެންކަމުން ކުރިޔަށްދާ ޕްރައިމަރީގައިވެސް ކެމްޕޭންކުރެއްވުމަށްވެސް ބޭނުންފުޅުވަނީ އެ އުސޫލުގެމަތިން ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސާލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލާގެ އަސްލަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ ފެށުނީއްސުރެ ސިޔާސީ ބައެއް ކަންކަމުގައި ނަޝީދާއި ދެބޭފުޅުންގެ ޚިޔާލުތަފާވުން ހުރި ކަމަށެވެ. އަދި ނަޝީދު ވެރިކަމުގައި ހުންނެވިއިރުވެސް ސިޔާސީ ކަންކަމުގައި ޚިޔާލުތަފާވަމުން އައި ކަމުގަވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ އެހެންނަމަވެސް މިހާރު އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން ގޮތް ނިންމަން ޖެހެނީ ގިނަ ބައެއްގެ ލަފައާއި އެއްގޮތަށް ކަމަށާއި، ވަކި މީހަކު ބޭނުންވާގޮތަށް އެކަނި އެއްވެސް ކަމެއް ނިންމެވެން ނޯންނަ ކަމަށެވެ.
އަދި ރައީސް ސާލިހު ވިދާޅުވި ގޮތުން ނަޝީދާއި ރައީސް ސާލިހާ ދެމެދު އޮތް ޚިޔާލު ތަފާތުވުމަކީ ނަޝީދު ވެރިކަމުގައި ނެތުމުން އުފެދިފައިވާ ޚިޔާލުތަފާތު ވުމެއް ކަމަށާއި، އެއީ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް އުފެދޭނެ ޚިޔާލުތަފާތުވުމެއް ކަމުގައި ދެކެވަޑައިގަންވާ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.