ސުނާމީއަށް 18 އަހަރު: އެތައް އިޙްސާސަކާއެކު މިއަދުވެސް އެހަނދާން

ސުނާމީއަށް 18 އަހަރު: އެތައް އިޙްސާސަކާއެކު މިއަދުވެސް އެހަނދާން

އެއްބަޔަކު އަނެއްބަޔަށް އެހީތެރިވުމާއި ޢާޢިލީ ކުލުނަކީ ދިވެހިންގެ ޠަބީޢީ ސިފައެއްކަމަށް މުއައްރިޚުން ވިދާޅުވެއެވެ. ޒަމާނަށް އައި ބަދަލާއި ދިރިއުޅުމުހެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު އެކަން އިހު އެވޭލާ ޒަމާންތަކުގައި ދިވެހި މުޖުތަމަޢުން ފެނުނު ގޮތަށް މިއަދު ނުފެނެއެވެ. އެހެންނަމަވެސް ކޮންމެ ބޮޑުކަމެއް ޖެހޭއިރު އަދިވެސް އެއަސަރުތައް އުތުރިއަރައިގަނެއެވެ. އެއިޙްސާސްތައް ބަންޑުންވެއެވެ. 2004ވަނަ އަހަރުގެ ސުނާމީ ކާރިޘާގެ ބިރުވެރި ވަގުތަކީ އެފަދަ ޙާލަތެކެވެ.

އެދުވަހު ދިވެހިން ދައްކައިދިން އެއްބައިވަންތަކާއި އުޚުއްވަތްތެރިކަމަކީ މުޅި ދުނިޔެ ޙައިރާންކުރުވި ކަމެކެވެ. ދުނިޔޭގެ އެހެން އެއްވެސް ޤަޢުމަކުން އެފަދަ މަންޒަރެއް އުދުވަހު ނުފެނެއޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.

އެދުވަހުގެ ކާރިޘާއަށްފަހު ޤައުމުތަކުގެ ޙާލަތު ބަލައި ދިރާސާތައްކޮށް އެހީ ފޯރުކޯށްދިނުމަށް އދ.އާއި ދުނިޔޭގެ ބާރުގަދަ ބޮޑެތި ޤައުމުތަކުގެ ކަމުވޮށިވެގެންވާ މީހުން ޤައުމުތަކަށް ދަތުރުކުރިއެވެ. މިރާއްޖެއަށްވެސް އެފަދަ ވަފުދުތައް އައެވެ. އެމީހުންގެ ތަޢުރީފު ދިވެހިންގެ މިދެންނެވި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ނަމޫނާއަށް އޮހިގެންދިޔައެވެ. އެހެންކަމުން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން އޭރުގެ ސަރުކާރުން ނިންމެވިއެވެ. އޭގެފަގުން ޖެހިގެން އައި 2005ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 26ވަނަދުވަސް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ސަރުކާރުން އަންނަނީ ފާހަގަކުރަމުންނެވެ. މިއަހަރު މިދުވަސް ފާހަގަކުރަނީ މ.ކޮޅުފުށީގައެވެ.

ސުނާމީ ކާރިޘާއަކީ، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި، ރެކޯރޑްކުރެވިފައިވާ އެންމެ ބޮޑު ކާރިޘާއެވެ. މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިޘާ ކުރިމަތިވިތާ 18 އަހަރުފުރުނު ދުވަހެވެ.

ސުނާމީ ކާރިސާއަށްފަހު، ގައުމު ބިނާކުރުމުގައި ދިވެހިންގެ ތެރެއިންވަނީ އާދަޔާ ޚިލާފު އެއްބައިވަންތަކަމެއް ފެނިގެން ގޮސްފަ

ސުނާމީ ކާރިޘާގައި ރާއްޖެއިން 15000 މީހުންގެ ގެދޮރު ގެއްލުނެވެ. 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް އެމީހުން ބަދަލުކުރަންޖެހުނެވެ. އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އެކާރިޘާގެ އަސަރުކުރިއެވެ. ސުނާމީ ކާރިޘާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. ސުނާމީ ކާރިޘާއާ ގުޅިގެން ދިވެހިންގެކިބައިން ފެނިގެންދިޔަ އެއްބައިވަންތަކަމަކީ މިއަދު މިދުވަސް ފާހަގަކުރާ އެންމެ ބޮޑު ސަބަބެވެ. އެދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އަތުކުރިއޮޅާލައި، ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައެވެ.

އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރި މުޅި ދިރިއުޅުން ސުނާމީގެ ބިޔަ ރާޅުގެ ތެރޭގައި ވަނީ ސުންނާފަތިވެ އޮޔާގޮސްފައެވެ. ކާރިޘާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޙާލުގައިޖެހުނު މީހުންނަށް އެހީ ފޯރުކޮށްދެއްވުމަށް ސަރުކާރުގެ އިދާރާތަކާއި، ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ފެށިއެވެ. ޙާލުގައިޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުޞަތުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދޭން ފެށިއެވެ. މިއާއެކު އެހީބޭނުންވާ ފަރާތްތަކަށް ބޯފެނާއި ބޭހާއި ކާބޯތަކެއްޗާއި، އަންނައުނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުޑަ ހިނދުކޮށްޅެއްގެތެރޭގައި ފެށިއެވެ.

ސުނާމީއާއެކު ރާއްޖޭގެ މުވާޞަލަތީ ގުޅުން ކެނޑިގެންދިޔައެވެ. އަތޮޅު އޮފީހަށް ރަށްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެވުނީ ދޯނިތަކުގައި  ބޭނުންކުރާ މުވާޞަލަތީ ސެޓު މެދުވެރިކޮށެވެ. މިއާއެކު ސަރުކާރުގެ އިދާރާތަކުންނާއި، އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިވެރިންގެ އެހީތެރިކަން ޙާލުގައި ޖެހުނު ފަރާތްތަކަށް ލިބެންފެށިއެވެ.

ސުނާމީ ކާރިސާގައި އެތައްބަޔަކު ގެދުރު ގެއްލި، އެތައް ޒަމާންތަކެއް ވަންދެން ވަގުތީ ހިޔާތަކުގައި ދިރިއުޅެފައިވާ

ސުނާމީއަށް 13 އަހަރު ފުރިގެންދާއިރު ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ކަންތައްތަކުގެ ސަބަބުން ލިބޭ ގެއްލުންތަށް ދެނެގަނެ، އެފަދަ ކަންކަމަށް ރާއްޖެ މިވަނީ ތައްޔާރުވާން ޖެހިފައެވެ. 2004 ވަނަ އަހަރުގެ ސުނާމީ އަށްފަހު ސަރުކާރުން ހިންގި ޕުރޮޖެކްޓްތައް މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް ކުރެވޭނެކަންތައްތައް ހިމަނައިގެން ކުރަންފެށިއެވެ. މިހާރުގެސަރުކާރުން ހިންގާ ޕުރޮޖެކްޓްތައް ހިންގުމުގައި، ތިމާވެއްޓަށް ކުރިމަތިވާ ގެއްލުން ވީހާވެސް ކުޑަކުރެވޭނޭ ގޮތްތައް ބަލައި، އެފަދަ ގޮތްތަކަށް މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ މިފަދަ ކާރިޘާތަކުން ރައްކާތެރިވުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ. ޢުމްރާނީ އެތައް ވަޞީލަތްތަކެއް ބިމާ ހަމަވެ، އިޤްތިޞާދީގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތަރައްޤީގައި އެތައް އަހަރެއް ފަހަތަށް ޖެހި އަލުން  ޤައުމު ބިނާކުރުމުގެ މަސައްކަތްކުރަންޖެހުނެވެ.

2004ގެ ސުނާމީ ކާރިސާ ފާހަގަ ވެގެން ދިޔައީ ދިވެހިން އެއްބައިވަންތަ ކުރުވި ކާރިސާއެއްގެ ގޮތުގައި

އެހެންނަމަވެސް ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާއާއި، އެކި ފަރާތްތަކުން ލިބިގެންދިޔަ އެހީތަކާއެކު 13 އަހަރު ވީއިރު ޤައުމު މިވަނީ އާރާސްތުކުރެވިފައެވެ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ފެށްޓެވި މަސައްކަތްތައް، މި ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ވަނީ ނިންމާފައެވެ. ސުނާމީގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ވަނީ ޔަޤީންކުރައްވާފައެވެ. އަދި ދިރިއުޅުން އާރާސްތު ކުރުމަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

އެއްބައިވަންތަކަމަކީ އަމާން އައްސޭރިއަކަށް ޤައުމު ގެންގޮސްދޭނެ ކަމެއްކަން މިވަނީ ކަށަވަރުވެފައެވެ. އެހެންކަމުން މިމުޖުތަމަޢު މިފަދަ އެއްބައިވަންތަ މުޖުތަމަޢެއްގެގޮތުގައި ބޭއްވުމަށް މަަަސައްކަތްކުރަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *