ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވި ސަބަބު ސާފުކޮށްދޭންޖެހޭ: އެމްއާރުއެމް

ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވި ސަބަބު ސާފުކޮށްދޭންޖެހޭ: އެމްއާރުއެމް

ދިވެހި ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަގައި ވެރިކަމުގެ މިދައުރުގައި ގެންގުޅުނު ސިޔާސަތު ބަދަލުވި ސަަބަބު ސާފުކޮށްދޭންޖެހޭކަމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެމް.އާރް.އެމް ގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށެވެ. އެގޮތުން މިއިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެމް.އާރް.އެމް އިން ތާއީދެއް ނުކުރާނެ ކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖެއާއި ފޯޅަވަހީ (ޗާގޯސްއާރކިޕެލާގޯ)ގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލާގައި އެމްއާރުއެމްއިން ބުނެފައިވަނީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫންކަންކަމަށެވެ. އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީ ކަމުގައެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުޤައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަޙައްދެއް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފަ. އަދި މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަޙައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައެއް ނުވާނެ. އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެމް.އާރް.އެމް އިން ދެކެން.

– އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ، ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއްކަމަށް އައި.ސީ.ޖޭ އިން އ.ދ އަށް ލަފާ ދިނުމަށްފަހު، 2019 ގައި އ.ދ ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދީފައި، މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަން ގައި ހިމެނޭ ޕާޓީ އެއްގެ ހައިސިއްޔަތުން، އެމް.އާރް.އެމްއާ އެއްވެސް މަޢުލޫމާތެއް ސަރުކާރުން ހިއްސާ ނުކުރައްވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަދި ހަމަ އެހެންމެ، މިމައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި އިޤްތިޞާދީ ގޮތުން ދިވެހި އާއިލާ ތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނެކަމެއްކަމަށެވެ. އަދި މަސްވެރިންގެ މަސްލަހަތު ވެސް އިންތިހާއަށް އޮތް ކަމެއްކަމަށާއި، މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމް.އާރް.އެމް އިން ނުހަނު ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މިމައްސަލާގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާއެކު ވަކާލާތު ކުރުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހިންގެތެރޭގައި ތިއްބެވިއިރު، އޭގެ ތެރެއިން ގިނަބޭފުޅުންގެލަފައާއި މަޝްވަރާ ހޯއްދަވާފައިނުވާކަމީ، ހިތާމަހުރިކަމެއްކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

އެހެންކަމުން، މިކަމުގެ ސައްޙަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ. އަދި، ރާއްޖޭގެ ސިޔާދަތީ ޙައްޤަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމް.އާރް.އެމް އިން ތާއީދެއް ނުކުރާނެ ކަމަށާއި، އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ އެ ނިންމުން ބަދަލުކުރުމަށްވެސް އެމް.އާރް.އެމް އިން ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *