ފުލުހުންގެ ހައްޔަރުގައި ހުރި ގައިދީއަކު ނިޔާވި މައްސަލަ ތަހުގީގު ކުރަން ފަށައިފި

ފުލުހުންގެ ހައްޔަރުގައި ހުރި ގައިދީއަކު ނިޔާވި މައްސަލަ ތަހުގީގު ކުރަން ފަށައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ނިޔާވުމާއި ގުޅިގެން، އެމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސްއިން މިހާރު ތަހުގީގު ކުރާން ފަށާފައިވާކަމަށް ހޯމް މިނިސްޓަރ ޝޭޚް އިމްރާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ގައިދީއަކު ހުއްޓާ ނިޔާވެފައިވާކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެން ފަށާފައިވަނިކޮށް، ދާދި ދެންމެއަކު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސްއިން ތަހުގީގު ކުރުމުގެ އިތުރުން ރައްޖޭގެ ކަމާގުޅުންހުރި އެހެން މުވައްސަސާތަކުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިމައްސަލަ ބައްލަވާ ދެއްވުމަށް މިހާރު ދަންނަވާފައި ވާކަމުގައެވެ.

މީގެ އިތުރުންވެސް އިމްރާން ވިދާޅުވެފައިވަނީ މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތު ވެއްޖެނަމަ އެކަމަކާއި ގުޅިގެން އަޅާންޖެހޭ ފިވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި ނިޔާވެފައި ވަނީ ހޯނޑެއްދޫން މިއަދު ފުލުހުން ހައްޔަރުކުރި މީހެއްކަމަށާއި، އެނާ ނިޔާވެފައިވަނީ އޭނާ ހައްޔަރުކޮށްގެން ލޯންޗެއްގައި ފުލުހުން އެރަށުން ނައްޓާލިފަހުން، އޭނާގެ ހާލު ދެރަވެގެން، ކައިރީގަ އޮތް މަޑަވެއްޔަށް ފުލުހުންގެ އެ ލޯންޗު އޭނާއާއެކު ގޮސް، މަޑަވެލީ ހެލްތު ސެންޓަރުގައި ކަމަށްވެސް ޚަބަރު އޮންލައިނަށް މައުލޫމާތު ދިން ފަރާތުން ކިޔައިދީފައި ވެއެވެ. ބައެއް ފަރާރްތަކުން މައުލޫމާތު ދީފައިވަނީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައި ވާކަމުގައެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި މައުލޫމާތު ދީފައިވަނީ އޭނާގެ މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ މެއަށް ތަދެއް އަރައި، ފިޓް ޖެހުމުން ފަދަ އަލާމާތްތަކެއް ފެނިގެން ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *