ޗާގޯސްގެ މައްސަލާގައި ސިޔާސަތަށް ގެނައި ބަދަލުގެ ފަހަތުގައި ވާކަންކަން ހާމަކޮށްދިނުމަށް އެމްއެންޕީން ގޮވާލައިފި

ޗާގޯސްގެ މައްސަލާގައި ސިޔާސަތަށް ގެނައި ބަދަލުގެ ފަހަތުގައި ވާކަންކަން ހާމަކޮށްދިނުމަށް އެމްއެންޕީން ގޮވާލައިފި

ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުން ބައެއް ލިބިގަތުމަށްޓަކައި 2019 ވަނަ އަހަރު މޮރިޝަސް އިން ދިވެހިރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯވ އޮފް ދަ ސީސް އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލާގައި، ދިވެހިރާއްޖޭގެ ސިޔާސަތު ކުއްލިގޮތަކަށް ބަދަލުވެފައިވާ ކަމަށް ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ އޭގެ ވަށައިގެންވާ ޚާރިޖީ، ޤާނޫނީ، އަދި އިޤްތިޞާދީ ކަންކަމާ ގުޅޭ މަޢުލޫމާތު ހާމަނުކޮށް، އެނިންމުމުގެ ނަޒާހަތްތެރިކަމާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ގޮތަކަށް ކަމަށްވާތީ އެކަމުގެ ކަންބޮޑުވުން މޯލްޑިވްސް ނެޝަނަލް ޕާޓީއިން ފާޅު ކޮށްފިއެވެ.

އަދި އެޕާޓީން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައިވަނީ، ޗާގޯސްގެ ސަރަޙައްދާ ގުޅޭ ދައުލަތުގެ ސިޔާސަތަށް ބަދަލު ގެންނެވި ސަބަބާއި، އޭގެ ފަހަތުގައި އަދި ވަށައިގެންވާ ކަންކަން ރައްޔިތުންނަށް ވީހާވެސް އަވަހަށް ހާމަކުރުމަށެވެ.

އަދި، މިކަން ސަރުކާރުން ކުރައްވާފައިވަނީ އެކަށީގެންވާ ގޮތަކަށް ސަރުކާރުގެ ތެރޭގައިވެސް މަޝްވަރާކުރުމެއް ނެތި، ރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިންގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އައު ސިޔާސަތުގެ ނަޒާހަތްތެރިކަމާއި ގުޅޭ ގޮތުން ސުވާލު އުފެއްދޭ ގޮތަކަށް ކަމަށްވާތީ، މިއީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމެއް ކަމަށާއި، މިގޮތުން، މި ކަންކަން ބައްލަވާ، މި މައްސަލާގައި ދިވެހިރާއްޖޭގެ ސިޔާސަތަށް ގެންނަވާފައިވާ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށް، މި އައު ސިޔާސަތުގެ ވަށައިގެންވާ އެންމެހާ ކަންކަން ތަޙުޤީޤުކުރުމަށްވެސް އެމްއެންޕީން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ތަހުގީގެއްގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ އިތުރުން، މި މައްސަލާގައި މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކުރައްވައި އެޅުއްވުމަށް އެެ ޕާޓީއިން ރައްޔިތުންގެ މަޖިލީހަށް އިލްތިމާސް ކޮށްފައި ވެއެވެ.

އެމްއެންޕީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިކަންކަމަށް ގޮވާލާ ޤަރާރަކާއި ކުއްލި މައްސަލައެއް އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމުގައެވެ.

ޗާގޯސްގެ މައްސަލާގައި އެމްއެންޕީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އެޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކަސް ވަނީ، ޗާގޯސް މައްސަލާގެ ސިޔާސަތަށް ސަރުކާރުން މިގެންނެވި ބަދަލާއި ގުޅިގެން، މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯވ އޮފް ދަ ސީއަށް، ދެޤައުމުގެ ކަނޑުގެ ސަރަހައްދު ވަކިކުރުމަށް ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ދިއުމަށް އެޤައުމަށް ރާސްތާއެއް ހެދޭނެތޯ އާއި، ޗާގޯސް އާއި ޚިލާފަށް ރާއްޖޭގައި (އައްޑު އަތޮޅުގައި) މަސްވެރި މުޖުތަމަޢެއް އޮތުމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް މޮރިޝަސްއަށް ދޫވެގެން ނުދިއުމަށް ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނު ތަންދޭއިރު، އެކަމަށް މިއައު ސިޔާސަތުން އެއްވެސް މިންވަރެއްގެ ހުރަހެއް ކުރިމަތިކުރުވާނެތޯ ކަމުގައެވެ.

މި ސުވާލު އުފެދޭ ސަބަބެެއްކަމަށް އެޕާޓީން ފާހަގަ ކޮށްފައިވަނީ. ޗާގޯސް މައްސަލާގައި މީގެ ކުރިން މޮރިޝަސް އާއި ދެކޮޅަށް (އިނގިރޭސިވިލާތާއި އެއްކޮޅަށް) ބައިނަލްއަޤުވާމީ އިދާރާތަކުގައި ރާއްޖެއިން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުން ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުޞަތު އޮންނާތީ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކުރައްވާފައިވާތީއެވެ. މި އައު ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވެ، ކަނޑުގެ ދިރުމުންނާއި، ކަނޑުއަޑީގައިވާ މައުދަނާއި (ޚާއްޞަކޮށް ރެއަރ-އާތު އެލެމެންޓްސް) އެފަދަ އެހެނިހެން ތަކެތިން ދިވެހިންގެ މުސްތަޤުބަލުގެ ޖީލުތަކަށް ބޮޑުބައެއް އުނިވެ، ދިވެހިރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް ހުރަހެއް ކުރިމަތިވުމަކީ މިޕާޓީއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *