ހައްޖަށް ދާން ރާއްޖެއަށް ފުރުސަލު ލިބޭ މިންވަރު މަދުވާނެ: އިސްލާމިކް މިނިސްޓްރީ

ހައްޖަށް ދާން ރާއްޖެއަށް ފުރުސަލު ލިބޭ މިންވަރު މަދުވާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް 453 ކޯޓާ ލިބިފައިވާކަމަށް ސައުދީގެ ލިސްޓްގައި އޮތްނަމަވެސް ރަސްމީކޮށް މިނިސްޓްރީއަށް އަދި އަންގާފައި ނުވާކަމަށެވެ. އަދި މިފަހަރު ރާއްޖެއަށް މަދުން ކޯޓާ ލިބޭނެކަމަށް އަންގާފައިވާކަމަށާއި އެހެންނަމަވެސް މިހާރުު ލިބިފައިވާ ވަރަށްވުރެ އިތުރަށް ކޯޓާ ހޯދުމަށް މަސައްކަތް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ ޕެންޑަމިކުގެ ކުރިން ޙައްޖުގައި ބައިވެރިވާ މީހުންގެ ޢަދަދަށްވުރެ ބޮޑު ތަނުން މަދު ޢަދަދެކެވެ. މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އައެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް-19 ފެތުރެން ފެށުމުން ބަލިކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ހުޅުވާލީ60000 މީހުންނަށެވެ.

ކޯވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށްވެސް ކޯޓާ ވަނީ ދީފައެވެ. ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 އިންސައްތަ މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ޤައުމަށް އެތެރެވާ މީހުންނެވެ. މިގޮތުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެއްމިލިޔަން މީނުންނަށް ފުރުޞަތު ދީފައިވާއިރު އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ޤައުމުތަކުގެ މީޙުންނެވެ. އަދި ސަޢުދީގެ ރައްޔިތުންނަށާއި އެޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށް ދީފައިވަނީ 43،008 ކޯޓާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *