ޤުރުއާނާއި ބެހޭ މަރުކަޒަށް ޙައްޤު ގަދަރު، ދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް: ޝަހީމް

ޤުރުއާނާއި ބެހޭ މަރުކަޒަށް ޙައްޤު ގަދަރު، ދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް: ޝަހީމް

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޙައްޤު ގަދަރު ހޯއްވައި ދެއްވުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހާލަތު ދުވަހުން ދުވަހަކަށް ދަށަށް ގޮސް، އެ ތަން ރަނގަޅުކުރުމަށް ސަރުކާރުން އަޅާނުލާ ކަމުގެ ޝަކުވާތައް ބޮޑުވެ މީޑިއާތަކުން އެކަން އާންމުންނާއި، ސަރުކާރުގެ ސަމާލުކަމަށް ގެނައުމުންނެވެ. ޑރ.ޝަހީމް ވިދާޅުވީ، މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ބަޖެޓުދގެ ދަތިކަން ހައްލުކޮށް ޤުރުއާނާއި ބެހޭ މަރުކަޒުގެ ގަދަރާއި ކަރާމާތް ހިފެހެއްޓުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އެމަސްއޫލިއްޔަތު ސަރުކާރުން އަދާ ކުރަންޖެހޭ ކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ބަޖެޓްގެ ތާށިކަން ޙައްލުކޮށް އެތަނަށް ޙައްޤު ގަދަރު ހޯއްދަވައި ދެއްވުމަކީ ސަރުކާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ދެކެން.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ގުރުއާންގެ އިލްމު ފެތުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުވި ސެންޓަރުން އަންނަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީގެ ކޯސްތައް ވެސް ހިންގަމުންނެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އެ މަރުކަޒުގެ ހިންގުން ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާކަމަށް ގިނަ އާންމުންދަނީ ބުނަމުންނެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުމުގެ ހަރަދުގެ 90 ޕަސެންޓު ހަރަދުކުރަނީ ޒަކާތު ފަންޑުންނެވެ. ދައުލަތުގެ ބަޖެޓުން ދެނީ ކުޑަ އެއްޗެކެވެ. ސަރުކާރުން މިފަދަ ކަންކަމަށް ސަމާލުކަން ނުދީ ސިޔާސީ މަޤާމުތައް އުފައްދައި، ބޭކާރު ޚަރަދުތައް ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިފަދަ ކަންކަމަކީ އާންމު ރައްޔިތުންނާއި، މުޅި ސަރުކާރުގެ މަސްލަހަތު ހިމެނެން ޖެހޭ ކަންކަމަށްވާއިރު މިކަންކަމަށް ސަރުކާރުގެ މާބޮޑު އަޅާލުމެއް ނެތްކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *